ރާއްޖެއިން ސައުދީ އަރަބިއާއަށް މަސް އެކްސްޕޯޓްކުރުމަށް މަގުފަހިވާ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެ ގައުމުން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ ސައުދީއިން ރާއްޖެ އާއިއެކު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެ އެއްބަސްވުމާއިއެކު މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރި އަރާނެ ކަމަށާއި އަދި ސައުދީއަށް މަސް އެކްސްޕޯޓްކުރުމަށް ދޮރުތައް ހުޅުވިގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އެއްބަސްވުމުގައި މެރިން ސެކްޓާއަށް އިންވެސްޓްމަންޓްތައް ހޯދުމުގެ އިތުރުން ސީފުޑް މާކެޓް ކުރި އެރުވުން ވެސް ހިމެނޭ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް ސައުދީއަށް އެކްސްޕޯޓް ކުރުމުގެ މަގުތައް ހުޅުވިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ އެމްއޯޔޫގައި ސޮއިކުރަން ސައުދީން ނިންމުމާ ގުޅިގެން ޝިޔާމް ވަނީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒަށް ޝުކުރު އަދާ ކުރެއްވާފައެވެ.

ރާއްޖޭގައި އުފައްދާ މަސް އެހެން ގައުމުތަކަށް ފުޅާ ދާއިރާއެއްގައި އެކްސްޕޯޓްކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.