ވެރިކަން ކުރާ މައި ޕާޓީ، ކޮންގްރެސް ޕާޓީއަށް މެމްބަރުން އިތުރުވަމުންދަނީ ރައީސުލްޖުމްހޫރިއްޔާ، އަދި އެ ޕާޓީގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާއި ވިސްނުންފުޅާއި ސިޔާސަތުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވީ ޓީވީއަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ރާއްޖޭގެ ހާލަތު ބަދަލުކޮށް ދިވެހިންގެ ރާއްޖެ ބިނާކުރަން ރައީސް މުއިއްޒު 15 އަހަރު ރާއްޖޭގެ ވެރިކަމުގައި ބަހައްޓަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ވެރިކަމުގައި މި ތިބީ މި ފަސް އަހަރު އެކަނި ވެރިކަން ކުރާ ގޮތަކަށް ނޫން ކަމަށާއި އެންމެން ތިބީ ދެވަނަ ދައުރެއް ރައީސް މުއިއްޒަށް ހޯދައިދިނުމުގެ ވިސްނުމުގައި ކަމަށެވެ.
އެކަމަށް މަސައްކަތްކޮށް ކާމިޔާބު ހޯދާނެ ކަމަށްވެސް ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ ރާއްޖެ މިހާރު މިއޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކޮށް ދިވެހީންގެ ރާއްޖެއެއް ދިވެހިން އެދޭ ގޮތަށް ބިނާކުރުމަށްޓަކައި އެބަ ބޭނުންވޭ 10 ވަރަކަށް 15 ވަރަކަށް އަހަރު އެއް ވެރިކަމެއް އޮންނަން. އެ ވެރިކަމަކަށް ބަލާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ދިވެހިންގެ ރާއްޖެއެއްގެ ސިޔާސަތު. އަޅުގަނޑުމެން އަމާޒަކީ ކާމިޔާބުކަމާއެކީގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ދެމިގެންދާނެ ގޮތަކަށް މަސައްކަތް ބައްޓަން ކުރުން،“ އަބްދުއްރަހީމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ޕީއެންސީއަށް މެންބަރުން އިތުރުވަމުންދަނީ ރައީސް މުއިއްޒު ދިވެހި ގައުމާ ދޭތެރޭގައި ގެންގުޅުއްވާ ތަސައްވަރާއި އެމަނިކުފާނުގެ ވިސްނުންފުޅާއި ސިޔާސަތު އަދި ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާ ކުރެއްވުމުގެ ސަބަބުން ކަމަށެވެ.

