އިންޑިއާއާއި ރާއްޖެއަށް ފައިދާ ކުރާނެ ގޮތަށް އުފެއްދިދާނެ ފުރުސަތުތަކާ ގުޅޭގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި، އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރެވުނީ، ޖައިޝަންކަރު ރައީސް މުއިއްޒުގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު މިހާރު ހިންގަމުންދާ މަޝްރޫޢުތަކުގައި ކުރިއެރުން ލިބިފައިވާ މިންވަރާއި، ކުރިއަށް އޮތްތަނުގައި ދެ ޤައުމަށް ފައިދާކުރަނިވި ގޮތަށް އުފެއްދިދާނެ ފުރުޞަތުތަކާމެދު ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
އެގޮތުން، ސީދާ ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާލިބޭ ދާއިރާތައް ކަމުގައިވާ، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ދިނުމާއި، ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމާއި، މުޅި ޤައުމުގައި މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކުރުން ފަދަ ކަންކަން ފާހަގަކުރައްވާފައިވެއެވެ.
ދުނިޔޭގެ ބަދަލުވަމުންދާ ކަންކަމުގެ ތެރެއިން ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ދެ ޤައުމުގެ ދެމެދުގައްޔާއި ސަރަޙައްދީ ފެންވަރުގައި ގާތް ގުޅުން ބޭއްވުމުގެ މުހިންމުކަމާމެދުވެސް، ރައީސުލްޖުމްހޫރިއްޔާ އާއި އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދެ ސަރުކާރުގެ ގުޅުން ބަދަހިކޮށް، ފަރުދީ ފެންވަރުގައި އޮންނަ ގުޅުންތައް ހަރުދަނާކުރުމަށް އެއްބަސްވެވަޑައިގަންނަވަމުންނެވެ.

