ދިވެހީންނަށް ފައިދާ ހުރި ކަންތައްތަކެއް ކުރިއަށް އޮތް ދެތިން ދުވަހު ފެނިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ގައުމުގެ ވެރިރަށް ދިއްލީގައި އުޅޭ ދިވެހީންނާ ރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

”އިރާދަކުރެއްވިއްޔާ، މި ދަތުރު އަދި މި ފެށުނީ، ކުރިއަށް އޮތް ދުވަހަކީ ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތަކެއް ދެ ގައުމުގެ ގުޅުމުގެ ތެރެއިން ފަހިވެގެންދާނެ ދުވަސްތަކަކަށް ވާނެ. އިރާދަކުރެއްވިއްޔާ މީގެ ފުރިހަމަ ނަތީޖާ ފޮނިމީރުކަން އަޅުގަނޑުމެން އެންމެނަށް ފެނިގެންދާނެ ދުވަސްތަކަަކަށް ވާނެ،“ ރައީސް ވިދާޅުވިއެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަނީ ވަރަށް ޒަމާންވީ ގާތްގުޅުމެއް ކަމަށާއި، އެމަނިކުފާނުގެ މި ދަތުރުފުޅާ އެކު އެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމަށް ފައިދާވާ ކަންކަން އިތުރަށް ފުރިހަމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެ އިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން، އެ ގައުމެއްގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް އަބަދުވެސް އެ މަނިކުފާނު އިސްކަން ދެއްވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނު ގަސްދު ކުރައްވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ފުރިހަމަ ފައިދާ ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ފަހިކޮށްދޭށެވެ.