ހުޅުމާލޭ އަމީން އެވެނިއުއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ހިޔާނާތުގެ ފައިސާ އިން ގަނެފައިވާ ދެ އެޕާޓްމަންޓް މިރޭ 12 ގެ ކުރިން ފުލުހުންނާ ހަވާލުކުރަން އަންގައިފިއެވެ.

ދުނިޔޭގެ ފުޓުބޯޅަ ފެޑެރޭޝަން (ފީފާ) އިން އެފްއޭއެމަށް ދިން ފައިސާއިން އަމީން އެވެނިއުއިން ބައްސާމް ދެ އެޕާޓްމަންޓް ގަތް މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ހުށަހަޅާފައިވާ އިރު އެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރަން މުއްދަތު ދީފައި އޮތީ މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.

ނަމަވެސް ފުލުހުން ބުނީ ބައްސާމް އެދިގެން އެ ދެ އެޕާޓްމަންޓް ހަވާލުކުރުމަށް މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުުރުކޮށްދީފައިވާ ކަމަށެވެ.

އެއާއެކު ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި ފަހުން ފުލުހުން ރޭ ނެރުނު ބަޔާނުގައި ބުނީ ބައްސާމް އެދުނުގޮތަށް މުއްދަތު އިތުރުކޮށް ނުދިނުމަށް މިހާރު ނިންމަފައިވާ ކަަމަށެވެ.

އަދި މިރޭ 12 ގެ ކުރިން އެ ދެ އެޕާޓްމަންޓް ހަަވާލުނުކޮށްފިނަމަ ގާނޫނީ ގޮތުން އެ ދެތަން ނަގަން ފިޔަވަޅު އަޅަން ފަށާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ފަރާތުން ސަބް އިންސްޕެކްޓަރު އަހުމަދު ސަވާދު ވިދާޅުވެފައި ވަނީ އެފްއޭއެމަށް ލިބޭ ބޭރު ފައިސާ ކުންފުނިތަކަށާއި އެހެން އެކައުންޓުތަަކަށް ފޮނުވާފައިވާ މައްސަލަ ތަހުގީގުކުރަން ފެށީ މިިދިޔަ އަހަރު ކަމަށެވެ.

އޭގެ އިތުރުން އެފްއޭއެމުން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް 2021 ވަނަ އަހަރުގެ އެޕްރީލް މަހުގެ 14 ވަނަ ދުވަހު ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ ދައްކާފައިވާ ކަމަށް ދެއްކުމަށް ލިޔެކިޔުން ތައްޔާރުކޮށް އަދި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ވެސް ހިމެނޭ ކަމަށް ސަވާދު ވިދާޅުވިއެވެ.