އިންޑިއާއަކީ ދެގޮތެއް ނުވެ އޮންނަ، ރާއްޖޭގެ ބައިވެރިއެއްކަން އެ ގައުމުން އަބަދުވެސް ސާބިތުކޮށްދެމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރޭގަނޑުގެ ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިޖާފަތް ބާއްވަވާފައި ވަނީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ހޯމަދުވަހުގެ ރޭ ނިއުދިއްލީގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އެތައްއަހަރަކަށް ދެމިގެންގޮސްފައިވާ ދެޤައުމުގެ ގުޅުން ބިނާވެފައިވަނީ ދެގައުމުގެ ތާރީހާއި ދެ ގައުމުން ގަބޫލުކުރާ ހަމަތަކާއި ހިއްސާކުރާ އާދަކާދަތަކުގެ މައްޗަށްކަން ފާހަގަކުރައްވާފައެވެ.

އަދި ދެ ގައުމުގެ ދެމެދުގައި ސިޔާސީގުޅުން ގާއިމުކުރިތާ ފަސްފޮޅަހައްވުރެ ގިނަ އަހަރުވެފައިވާއިރު އަދިވެސް އެގުޅުން އިތުރަށް ބަދަހިވެ ކުރިއަރައިގެންދިއުމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، އަވަށްޓެރި ޤައުމުތަކާއެކު ގުޅުންބަދަހި ކުރެއްވުމުގައި، އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމުކުރުމާއެކު، ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދު ތަކުރާރު ކުރެއްވިއެވެ.

އަދި ދެ ގައުމުން އެއްބަސްވާ އަދި ދެ ގައުމަށްވެސް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން އެމަނިކުފާނު ފާޅުކުރައްވާފައިވެއެވެ.

މި ޖާފަތުގައި ރައީސްގެ ދެކަނބަލުންގެ އިތުރުން، ދެ ގައުމުގެ މަތީފެންވަރުގެ ވަފުދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.