ރާއްޖޭގައި ފިލްމު ކުޅުމަށް ބޮލީވުޑްގެ އެކްޓަރުންނަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ހާއްސަ ދައުވަތެއް ދެއްވައިފިއެވެ.
ރައީސް މި ދައުވަތު ދެއްވީ އިންޑިއާ ސަރުކާރުގެ ހާއްސަ ދައުވަތަކަށް އެ ގައުމަށް ވަޑައިގެން އިއްޔެ މުމްބާއީގެ ތާޖު މަހަލް ޕެލެސްގައި ބޭއްވެވި ބައްދަލުވުމެއްގައި ބައިވެރިވި ބޮލީވުޑްގެ ތަރިންނަށެވެ.
ރައީސް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ފަތުރުވެރިކަން މުހިންމު ކަމަށެވެ.

އަދި ފަތުރުވެރިކަމަކީ ހަމައެކަނި ދަތުރުކުރުމެއް ނޫންކަން ފާހަގަކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ބަދަހިވާނެ ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.
ބޮލީވުޑް އިންޑަސްޓްރީގެ ފިލްމްތަކުގެ ސެޓްއަޕް ރާއްޖޭގައި ހަދައި، ފިލްމް އުފެއްދުމުގައި ރާއްޖޭގެ ރީތިކަން ބޭނުން ކުރެވިދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”އެހެންވީމަ ފިލްމް ޓުރިޒަމްގައި ރާއްޖެ އިހުތިޔާރު ކުރުމަށް ބޮލީވުޑް އިންޑަސްޓްރީއަށް މަރުހަބާ ކިޔާނަން“
މި ބައްދަލުވުމުގައި ބޮލީވުޑްގެ ތަރިން ކަމުގައިވާ އަރްބާޒް ހާން، ޝިލްޕާ ޝެޓީ، ސޮނާކްޝީ ސިންހާ، އަދި ކަރިޝްމާ ކަޕޫރު ފަދަ ތަރިން ބައިވެރިވިއެވެ.

