މި ސަރުކާރުން ރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އިންޑިއާއާއެކު ގުޅުން ބަދަހި ކުރަމުންދާ ދިޔުމަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާއިރު، އަޒާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޕީއެންސީން އިދިކޮޅުގައި އޮތްއިރު، އެންމެ ބޮޑަށް ދެކޮޅު ހެދިކަމަކީ ރާއްޖޭގައި އެކި ނަންނަމުގައި އިންޑިއާ ސިފައިން ގާއިމެވެގެން ތިބި ތިބުން ކަމަށާއި ރައީސް ޑރ.މުއިއްޒު ވަނީ ވެރިކަމުގެ ހުވާކުރެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އިންޑިއާ އާއި ވާހަކަ ދައްކައިގެން ސިފައިން ފޮނުވާލާފައި ކަމަށެވެ.

”އެމްޑީޕީ ވެރިކަމުގައި ޤައުމުގެ ހާރޖީ ސިޔާސަތަކަށް ވެފައި އޮތީ ”އިންޑިއާ އޮންލީ“ އެއާ ހިލާފަށް ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ގެންގުޅެނީ ”މޯލްޑިވްސް ފަސްޓް“ ސިޔާސަތެއް. މާނައަކީ, އެހެން ޤައުމުތަކާއިއެކު ބާއްވާ ގުޅުންތައް ބާއްވަނީ ރާއްޖޭގެ މަސްލަހަތަށް އިސްކަން ދީގެންނޭ.“ އަޒާން ވިދާޅުވިއެވެ.

މިހާރު ރައީސް ޑރ.މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އަސަރުކުރާފަދަ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއިކޮށްފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

”އިންޑިއާއިން އާންމު އުސޫލުން ދިވެހިރާއްޖޭގެ ރައީސަކު އެ ގައުމަށް ވަޑައިގަތުމުން, އެ މީހުން ބޭނުންވާ ބައެއް ކަންކަމާ މެދު މަޝްވަރާކުރި. އެކަމަކު ދިވެހި ސަރުކާރުން އެއްވެސް ކަމެއް ކުރަން ނިންމާނީ ރާއްޖެއަށް އެކަމަކުން އެންމެ ފައިދާ ބޮޑު ގޮތެއް ބަލާފައި.“ އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ މިއަދު އިންޑިއާ ސިފައިންނޭ ކިޔައިގެން ވާހަކަ ދައްކާ ބައެއް ފަރާތްތަކަކީ މީގެ ކުރިން، ރާއްޖޭގައި ސިފައިން ނެތް  ކަމަށް ބުނި މީހުން ކަމަށާއި އެމީހުން ތިބުމަކީވެސް މައްސަލައެއް ނެތް ކަމަށް ގަބޫލުކުރި މީހުން ކަމަށެވެ.

”ރާއްޖެއިން އިންޑިއާ ސިފައިން ބާލައިފިނަމަ ރާއްޖެ ބަނޑަށް ޖެހިދާނެއޭ ކުރީ ސަރުކާރުގެ ވަޒީރުންނާއި, އެމްޑީޕީން ހިންގާ ނޫސްތަކުން ކުރިން ބުނެފައިވޭ.“

އަޒާން އިތުރަށް ވިދާޅުވީ މިވާހަކަތައް ހަނދާން ނެތޭހާ ދުވަހެއް އަދި ނުވާ ކަމަށެވެ.