ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، ރައްޔިތުންނަށް ފައިދާ ހުރި ކަންކަމަށް މަގު ހުޅުވިގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، އިންޑިއާގެ ރައީީސް ދްރޫޕަދީ މުރްމޫގެ ދައުވަތަކަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ކަނޑައެޅުއްވި މަގްސަދު ހާސިލުވި ކަމަށެވެ.

”އާދެ، މި ދަތުރު އިރާދަކުރެއްވިއްޔާ، ވަރަށް ކާމިޔާބު. ކާމިޔާބު، އަޅުގަނޑު މިހެން މި ދަންނަވާ ސަބަބަކީ، އަޅުގަނޑު ކަނޑައެޅި މަގްސަދު ހާސިލުވާތީ، ދިވެހި ރައްޔިތުންނަށް ކަންކަން ފަހިވެގެންދާ ގޮތަށް، ދިވެހި ރައްޔިތުންގެ ހައްގުގައި، ރައްޔިތުންނަށް މުހިންމު ކަންތައްތަކަކަށް މަސައްކަތްތަކެއް ފެށި، މަގު ހުޅުވިގެން ދިޔައީމަ.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ރައީސް އާއި، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ވެސް ބައްދަލުކުރައްވަވައި، މުހިންމު މަޝްވަރާތަކެއް ކުރެއްވިއެވެ.
ރައީސް ވަނީ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު ވެސް އަރުވައިފައެވެ. މި ދައުވަތު މޯދީ ގަބޫލުފުޅުކުރައްވައިފައިވާއިރު، އަންނަ އަހަރު އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

