ހުޅުމާލޭގެ ޒީނަތްތެރިކަން އިތުރު ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ފަށާފައިވާ މަސައްކަތުގެ ކުލަ ފެންނާން ފަށާފައިވާ ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގެ އެކި ސަރަހައްދުތަކުގައި އެޗްޑީސީން އަންނަނީ އެކި ވައްތަރުގެ މާ ގަސްތައް އިންދަމުންނެވެ.

ފަޒުލް ވިދާޅުވީ، ހުޅުމާލެ ފެހި ކުރުމަށް ކުރާ މަސައްކަތުގެ ކުލަ ފެންނަން ފަށާފައިވާ ކަމަށާއި، އުއްމީދަކީ މާ ގަސް އިތުރުކޮށް، ހުޅުމާލެ އަކީ ހިތްފަސޭހަ ތަނަކަށް ހެދުން ކަމަށެވެ.

އެމްޑީ ފަޒުލް، މިފަހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހުޅުމާލޭގެ ތަރައްގީއަށް މުހިންމު ގިނަ ކަންކަން އެޗްޑީސީން މިހާރު ވެސް ކުރަމުންދާކަން ފާހަގަކުރައްވައިފައެވެ.

އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް އަނދިރިކޮށް އޮންނަނީ ކީއްވެގެންތޯ، ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފު ސުވާލު އުފެއްދެވުމާއެކު، ފަޒުލް އެކަން ސާފު ކޮށްދެއްވިއެވެ.

އޭނާ ވަނީ މަގުބައްތިތައް ދިއްލުމަށް ބޭނުންވާ ކަރަންޓު ވިއުގަ އޮގަސްޓު މަހުގެ ނިޔަލަށް ނިމިފައިވާކަން ފާހަގަކުރައްވާފައެވެ.

ނަމަވެސް، މަގު ބައްތިތަކަށް އަޅާފައިވާ ކޭބަތައް ގެއްލިފައިވާ ކަމަށާއި ވިނަރެސް އޭރިއާގެ މަގު ބައްތިތައް ދިއްލުމަށް ބޭނުންވާ ތަކެތި ހޯދަން އޯޑަރު ދީފައިވާ ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.