ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.

އީސީއިން ބުނީ މިއަދު އޭޖީ އޮފީހަށް ފޮނުވި މި އިސްލާހުތަކަކީ 2019 ވަނަ އަހަރުން ފެށިގެން ސިޔާސީ ޕާޓީތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާ އިސްލާހުތަކެއް ކަމަށެވެ.

އީސީއިން ބުނީ އެ ބައްދަލުވުމުގައި ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަ އިސްލާހުތަކަށް އިތުރަށް މަޝްވަރާކޮށް ހުށަހެޅުންތައް ހުށަހަޅާފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތަކުގެ ސަބަބުން، ސިޔާސީ ޕާޓީތަކުގެ ދަފްތަރު ޒަމާނީ ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމުގެ ފުރުސަތު ފަހިވެ، ސިޔާސީ ޕާޓީތަކުގެ ހިންގުން ހަރުދަނާވެ، އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އީސީއިން ވަނީ ބުނެފައެވެ.

އީސީން އޭޖީއަށް ހުށަހެޅި އިސްލާހުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ހުރިހާ ޕާޓީތަކަށް ފައިސާ ދޭ ގޮތަށް ހުށަހަޅާފައިވުމެވެ. ސިޔާސީ ޕާޓީގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ބަޖެޓުން ފައިސާ ލިބޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

ކުދި ޕާޓީތައް ހިންގުމަށް އެހީތެރިވުމުގެ މަގުސަދުގައި އީސީން ހުށަހަޅާފައިވަނީ 3،000 ހަމަވާ ކޮންމެ ޕާޓީއަކަށް، ޕާޓީތަކަށް ދޫކުރާ ފައިސާގެ 25 ޕަސަންޓުން ފައިސާ ދިނުމަށެވެ.

އަދި 25 ޕަސަންޓް 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ދިނުމަށް ވަނީ ހިމަނައިފައެވެ. އޭގެ އިތުރުން ދެން ހިމެނޭ 50 ޕަސަންޓު ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ އިންތިހާބުތަކުގައި އެ ޕާޓީއަކަށް ވޯޓު ލިބޭ އަދަދަށް ބަލައިގެންނެވެ.