ދިވެހިރާއްޖެ ތަރައްގީގެ މަގުގައި ހޯދަމުންދާ ކުރިއެރުންތަކުގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީން)އިން މުހިންމު ދައުރެއް އަދާކުރާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ޔޫއެންޑީޕީގެ އޮފީހެއް ގާއިމުކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭ ބޭއްވި މި ހަފުލާގައި ޔޫއެންޑީޕީގެ އިސްފަރާތްތަކާއި ވަޒީރުންނާއި އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަފްލާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވޭތުވެ ދިޔަ 45 އަހަރުގެ ތެރޭގައި އދ އާއެކު މަސައްކަތްކޮށް ރާއްޖެއިން މުހިންމު ކާމިޔާބީތަކެއް ހާސިލުކޮށްފައިވާކަމުގައި ވިދާޅުވިއެވެ.

އަދި ގުޅިގެން ކުރެވޭ އެ މަސައްކަތްތަކަކީ ރާއްޖޭގެ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ކަންކަން ހާސިލުކުރުމަށާއި ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ވެސް އެހާމެ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ޔޫ.އޭން.ޑީ.ޕީ- މޯލްޑިވްސް އުފައްދާފައި ވަނީ ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއާއި އިންސާނީ ކަރާމާތާއި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ދޭ އަހައްމިއްޔަތުކަން ހިމެނޭހެން ދެފަރާތުން ހިއްސާކުރާ މުހިންމު ކަންތައްތަކެއް ނަގަހައްޓައި އަދި ކޮންމެ ދިވެއްސަކަށްވެސް ކުރިމަގުގައި ކުރިޔަށްދެވޭނެ ފުރުޞަތުތައް ފަހިވެފައިވާކަން ކަށަވަރުކޮށްދިނުމަށް ކަން ފާހަގަކުރެއްވިއެވެ.

 

މީގެ އިތުރުން އެމަނިކުފާނު ވަނީ، ރާއްޖެއަކީ އިގްތިސާދީ ގޮތުން އެންމެ ކުޑަކޮށް ތަރައްގީ ހާސިލުވެފައިވާ ގައުމަކުންފެށިގެން އައިސް ޒަމާނީ ބަދަލުތަކާއެކު ވިލުންތެރި އަދި ތަރައްގީގައި ކުރިއަށް ދަތުރުކުރާ ގައުމަކަށް ބަދަލުވުމުގައްޔާއި، އަދި މުޅި އެބަދަލުގައި ޔޫ.އެން.ޑީ.ޕީން އަދާކުރި ދައުރުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ.

އެގޮތުން އެންމެކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން އުނިވެ ތަރައްގީ ވަމުން އަންނަ ގައުމަކަށް ރާއްޖެ 2011 ވަނަ އަހަރު ބަދަލުވި މަރުހަލާގައި ޔޫ.އެން.ޑީ.ޕީން ލިބުނު އެއްބާރުލުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޔޫ.އެން.ޑީ.ޕީން ހަމައެކަނި ތަރައްގީގެ އަސާސީ ކަންކަމަށް އިސްކަންދިނުމުގެ ބަދަލުގައި މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ވިލުންތެރިކަން އިތުރުކުރުމާއި އިގްތިސާދު ސިންދަފާތުކުރުމާއި އިޖުތިމާޢީ ބައިވެރިކުރުވުމާއި އަންހެނުން ބާރުވެރިކުރުވުމާއި ހިންގުމުގެ ރަނގަޅުގޮތްތަކާއި މުޢައްސަސާތައް ރިފޯމުކުރުން ފަދަ ފަހުން ކުރިއަރަމުން އަންނަ ކަންކަމަށް ޔޫ.އެން.ޑީ.ޕީގެ ޕްރޮގްރާމުތައް ފުޅާކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެމެހެއްޓެނިވި ތަރައްގީއަށް އިސްކަންދޭ ޑިޖިޓަލް އިކޮނޮމީއެއްގެ ގޮތުގައި ކުރިޔަށްގޮސް ދިވެހިރާއްޖެ 2040 ވަނަ އަހަރާހަމައަށް ތަރައްގީ ވެފައިވާ ގައުމަކަށް ބަދަލުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ތަކުރާރުކުރައްވާފައެވެ.

އަދި ސަރުކާރުން މިހާރު ފަށާފައިވާ ރާއްޖޭގެ ކުރިއަށްއޮތް 20 އަހަރުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތާއި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ޔޫ.އެން.ޑީ.ޕީން ފޯރުކޮށްދޭ އެހީތެރިކަން ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ވޭތުވެދިޔަ އަހަރުތަކުގައި އދ އިން ރާއްޖެއަށް ވެދެއްވަމުންގެންދެވި އެހީތެރިކަމާ ދެއްވަމުން ގެންދެވި އެއްބާރުލެއްވުމަށްޓަކައި އދ އަށް ޝުކުރު އަދާކުރައްވަމުންނެވެ.