ގއ. ކޫއްޑޫ އެއާޕޯޓުގެ ރަންވޭގެ މައްސަލަ ހައްލުކޮށް، ވަރަށް އަވަހަށް އަލުން ރަންވޭ ހުޅުވާލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިގޮތަށް ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަމީން ވިދާޅުވީ މޯލްޑިވިއަނުން ކޫއްޑޫ އަށްކުރާ ދަތުރުތައް ހުއްޓާލީ ދިގު މުއްދަތެއްގައި އެއާޕޯޓް މެއިންޓެއިން ނުކުރެވި އަދި ރަންވޭގެ ހާލަތުގެ ސަބަބުން ކަމަށެވެ.
އަދި މޯލްޑިވިއަންގެ ދެ ބޯޓަކަށްވީ ގެއްލުމާ ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ. ރަންވޭއަށް ދިމާވި މައްސަލައާއެކު، ދަތުރުތައް ހުއްޓާލީ މިނިސްޓްރީގެ އިސް ނެގުމާއެކު ކަމަށްވެސް އަމީން ވިދާޅުވިއެވެ.
އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، އެއަރޕޯޓް އޮޕަރޭޓާ އަދި ގުޅުންހުރި ފަރާތްތަކާ ގުޅިގެން މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މޯލްޑިވިއަން އިން ކޫއްޑޫއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލަން ނިންމާފައިވަނީ އިއްޔެއެވެ.

