މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާ ކޮށްފިއެވެ.

މެޓު އޮފީހުން މިއަދު ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.

މީގެއިތުރުން ވައިވެސް ގަދަވާނެ ކަމަށް ލަފާ ކޮށްފައިވެއެވެ.

އަދި އުތުރާއި މެދުރާއްޖޭގެ ރަށްތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް މެޓުން ބުނެފައިވެއެވެ.

މެޓުން ލަފާ ކުރާގޮތުގައި ދެކުނުގެ ރަށްތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެއެވެ.

އެހެންނަމަވެސް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓުން ބުންޏެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވި ނަމަވެސް އުތުރާއި މެދުރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ބުނެއެވެ.