ލާމު އަތޮޅުގެ ޤުދުރަތީ ރައުސްމާލު ހިސާބުކިތާބުކުރުމަށް ފެށުމުގެ ގޮތުން އެންދެރި މަޝްރޫޢުން ފަށާފައިވާ އެ އަތޮޅުގެ ޤުދުރަތީ ވަޞީލަތްތައް ވަޒަން ކުރުމުގެ މަސައްކަތްކޮށް ނިމުމުން މުޅި ރާއްޖޭގައި ވެސް މިފަދައިން ޤުދުރަތީ ރައުސްމާލު ވަޒަންކުރުމުގެ މަސައްކަތް ފައްޓަވާނޭ ކަމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެންދެރި ސްމޯލް ގްރާންޓްސް 2024 ހަވާލުކުރުމަށް ލ. ފޮނަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޤުދުރަތީ މުއްސަނދިކަން ވަޒަން ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓްރ ވިދާޅުވީ ބޭރުގެ ގިނަ ޤައުމުތަކުގައި އެ ބައެއްގެ މުހިންމު ޤުދުރަތީ ވަޞީލަތްތަކުގެ އަގު ވަޒަން ކުރެވިފައިވާކަމަށެވެ.

ނަމަވެސް ރާއްޖޭގެ އެންމެ މުހިންމު ވަޞީލަތްތައްކަމުގައިވާ ފަރުތަކާއި، ކުޅިފާޗަސްބިންތަކާއި، މޫދުވިނައިގެ މާޙައުލީ ނިޒާމުތައް އޮތީ ވަޒަން ނުކުރެވި ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

އެންދެރި މަޝްރޫއުގެ ދަށުން ހިންގާ މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އޮސްޓްރޭލިއާގެ އުނިވަރސިޓީ އޮފް ނިއު ސައުތް ވޭލްސްއާއެވެ.

މިގޮތުން ލާމު އަތޮޅުގެ މުރަކަ ފަރުތަކާއި، މޫދު ވިނައާއި، ކުޅިފާޗަސްބިންތަކުގެ މިންވަރާ ފެންވަރު ބެލުމުގެ ދިރާސާތަކެއް މި އަހަރު ތެރޭގައި ވަނީ ކޮށްފައެވެ.

މި މަސައްކަތުގައި ކޮށްފައިވާ ދިރާސާތަކުގެ ނަތީޖާ އާންމު ކުރުމަށާއި މި ކަމާއި ގުޅިގެން ކަމާބެހޭ މުއައްޞަސާތަކަށް ދޭން ޖެހޭ ތަމްރީން ދިނުމަށްޓަކައި ޔޫއެންއެސްޑަބްލިއު ގެ ޓީމެއް މި އަންނަ ނޮވެމްބަރު މަހުތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާނެވެ.