ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގޯއްޗާއި ފްލެޓު ދޫކުރުމުގެ ކަންކަމަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި، ވައުދުފުޅާ އެއްގޮތަށް ގޯއްޗާއި ފްލެޓު ދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިގޮތަށް ވިދާޅުވީ، ރަޖިސްޓްރީ ނުކޮށް ހިންގާ  ”ދިޔަވަރު“ގައި ފްލެޓްތައް ޕީއެންސީ މީހުންނަށް ބެހުމަށް، ބައެއް މަޖިލީސް މެމްބަރުންނަށް، ކޮންމެ މެމްބަރަކު ބޭނުންވާ ކޮންމެވެސް 20 މީހެއްގެ ނަން ދިނުމަށް ރައީސް މުއިއްޒު އެންގެވިކަމަށް ބުނެ ފެތުރި ޚަބަރަކަށް ރައްދު ދެއްވަމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވަނީ އެއީ ބޮޑު ދޮގެއް ކަމުގައި ވިދާޅުވެފައެވެ.

”ރައީސް މުއިއްޒު އެއްގޮތަކަށްވެސް ފްލެޓާއި ގޯއްޗަށް އަތެއް ނުބާނާނެ“ ފަލާހު ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ރަނުން ރަނަށް ވެ ވަޑައިގެންނެވި ވައުދުފުޅާއި އެއްގޮތަށް ގޯއްޗާއި ފްލެޓް އޭގެ ހައްގުވެރިންނަށް ހަވާލު ކުރައްވާނެ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

އަދި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ އެއްވެސް މެމްބަރަކު ގޯހެއް ނުހައްދަވާނެ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.