މާލޭގެ އިމާރާތަކުން މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ވެއްޓި މަރުވި ވިފާގު އިބްރާހީމް އަދުނާނަށް ޖިންސީ ގޯނާ ކޮށްފައިވާކަމުގެ އެއްވެސް ހެއްކެއް ފެންނާން ނެތްކަން ފާހަގަކޮށް، އޭނާގެ މަރުގެ މައްސަލައާ ގުޅުވައި ”ޗެނަލް 13“ އިން ގެނެސްދިން ރިޕޯޓެއްގައި ކަންބޮޑުވާ ކަންކަން ހުރިކަން ފުލުހުން ފާހަގަކޮށްފިއެވެ.

ފުލުހުން މިކަން ހާމަ ކޮށްފައި ވަނީ މިދިޔަ އޮގަސްޓްމަހުގެ 14 ވަނަ ދުވަހު ވިފާގު މަރުވި މައްްސަލައާ ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އޭނާގެ މަރާ ގުޅުވައި ޗެނަލް 13 އިން ދެއްކި ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ފުލުހުން ބުނީ، އުމުރުން 25 އަހަރުގެ ވިފާގަށް ޖިންސީ ގޯނާ ކުރިކަމުގެ ސީރިއަސް ތުހުމަތުތަކެއް އެނާގެ ދޮންބައްޕައަށް ޗެނަލް 13 އިން ކޮށްފައިވާކަމަށެވެ.

ވިފާގުގެ ދޮން ބައްޕައަކީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމެވެ.

ނަމަވެސް، އެ ތުހުމަތަށް ބާރުދޭ އެއްވެސް ހެއްކެއް މިހާތަނަށް ފުލުހުން ހޯދި ހޯދުމުން ލިބިފައި ނެތްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ވިފާގަކީ 2016 ވަނަ އަހަރުން ފެށިގެން ނަފްސާނީ ބައްޔަށް ފަރުވާ ހޯދާފައިވާ މީހެއްކަމަށާއި ޕާސަނާލިޓީ ޑިސްއޯޑާގެ ބޯޑާލައިން ޓައިޕަށް ވިފާގު ޑަޔަގްނޯސްވެފައިވާ ކަމަށެވެ.

ވިފާގު ވަނީ އިނގިރޭސިވިލާތުގައި ދިރިއުޅުނު އިރު ވެސް އެ ބައްޔަށް ފަރުވާ ހޯދައި ތެރަޕީ ސެޝަންތަކެއް ނަގާފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ރިޕޯޓްގައި ފުލުހުންގެ ވާހަކަ ގެނެސްފައިވާއިރު، އެކަމާ ގުޅިގެން ފުލުހުންގެ ފަރާތުން ބަހެއް ހޯދާފައި ނުވާކަމަށެވެ.

އަދި ކަންބޮޑުވާ ކަންކަން ހުރި އެ ޑޮކިއުމެންޓްރީގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

ވިފާގުގެ މަރުގެ މައްސަލައަކީ މިހާރުވެސް ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެކެވެ.