ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސައްކަތް ކުރާ މުވައްޒަފަކަށް އެ ތަނުގެ ބައެއް މުވައްޒަފުން ގަނާ ކުރާ މައްސަލައެއް ފެންމަތިވެ، މިފްކޯ އިން މައްސަލަ ބަލަން ފަށައިފިއެވެ.
ރާއްޖޭގެ ފޭސްބުކް ޕޭޖެއްގައި، ނުކުޅެދުންތެރިކަން ހުންނަ އެ މުވައްޒަފުގެ އާއިލީ މެމްބަރަކާ ހަވާލާދީ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ވަޒީފާއަށް ދާ ކޮންމެ ދުވަހަކުވެސް އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އޭނާއާ ދިމާކުރާ ކަމަށެވެ.
އެ ހާއްސަ އެހީއަށް ބޭނުންވާ ދެ ކުދިންގެ ބައްޕަ ވަޒީފާ އަދާކުރަނީ އެ ދެ ކުދިންގެ ހައްގުގައިކަން ފާހަގަކޮށް އެ ޕޯސްޓުގައި ބުނެފައިވަނީ އޭނާ ކާން ކެންޓީނަށް ދިއުމުން އޭނާ ރުޅި އަންނަ ނަންނަމުން ގޮވާ ކަމަށެވެ.
އަދި އަމިއްލަ ނަފުސުގެ ދިފާއުގައި ކަމެއް ކޮށްފިނަމަ ޖަމާއަތް ހަދައިގެން އެންމެން އަރައިގަނެ އޭނާގެ ބޮލުގައި ތަޅައި އަނިޔާކުރާ ކަމަށް ވެސް ޕޯސްޓުގައިވެއެވެ.
މިކަމާ ގުޅިގެން ކޫއްޑޫ ފިޝިން ކޮމްޕްލެކްސް ހިންގާ މިފްކޯގެ މީޑިޔާ އޮފިޝަލު މިއަދު ވިދާޅުވީ އެ މައްސަލަ އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މިހާރު އެ މައްސަަލަ ކުންފުނީގެ ފަރާތުން ބަލަމުންދާ ކަމަށެވެ.
މުވައްޒަފުންނަށް ގާނާ ކުރުމާއި އެނޫންވެސް ފުރައްސާރައިގެ އަމަލުތަކަކީ އެ ކުންފުނިން ”ޓޮލެރޭޓް“ ކުރާނެ ކަމެއް ނޫން ކަމުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިފްކޯގެ މީޑިއާ އޮފިޝަލް ވަނީ މައްސަލަަ ބެލުމަށްފަހު އެކަމުގައި އެ ކުންފުނިން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއްވެސް އަޅާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

