ހުޅުމާލޭގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަނެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުން ދިޔަ ހަތް ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އެ އިދާރާއިން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އޮކްޓޫބަރު 13 ވަނަ ދުވަހު ހުޅުމާލެ ފޭސް އެކެއް ގައި ހުންނަ ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެއީ އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް ބިދޭސީން ދިރިއުޅެމުން އަންނަ ތަނެއްކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނީ މިތަނުން ހައްޔަރު ކޮށްފައިވާ އެންމެންނަކީވެސް ފިރިހެނުން ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މިހާތަނަށް 4000 ބިދޭސީން ވަނީ ޑީޕޯޓު ކޮށްލައިފައެވެ.

