ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި މަތީފަންތީގެ ތިން ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހައުސިން ޑޮވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
މި ހޮޓެލްތަކަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް، ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ހާއްސަކޮށްގެން ތަރައްގީކުރާ މަތީ ފަންތީގެ ހޮޓެލްތަކެކެވެ.
އެގޮތުން، އެ މަޝްރޫއު ދޫކުރުމުގައި އިސްކަންދޭނީ ލޭންޑް ލީސް މޮޑެލްއަށެވެ. ނަމަވެސް، އެ ކޯއެޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެ ކަމަށް އެޗްޑީސީން ބުންޏެެވެ.
އެޗްޑީސީން ބުނިގޮތުގައި، އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށެވެ.

އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ އެކްސްޕީރިއެންސް ހިމެނެއެވެ.
އެހެންކަމުން، އާބަން އައިލްގައި ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް މި މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީއޯއައި ހުށަހަޅަންވާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އީއައިއޯ ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، business@hdc.mv އަށެވެ.
މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓުން https://www.hdc.mv/announcements/ ލިބެން ހުންނާނެއެވެ. އަދި business@hdc.mv އީމެއިލް މެދުވެރިކޮށްވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

