ޑިވެލޮޕްމަންޓް ބޭންކާއެކު ޑޮލަރުގެ ސަޕްލައި އިތުރުވެ، ދިވެހި ފައިސާގެ އަގު ހިފެހެއްޓޭނެ ކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ނަމަވެސް ޑިވެލޮޕްމެންޓު ބޭންކާއެކު ބޭރު ފައިސާގެ ރިޒާވް އިތުރުވެ، ދައުލަތުގެ ރިޒާވަށް ވެސް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ރާއްޖެއަށް ޑިވެލޮޕްމަންޓް ބޭންކު މުހިންމާ ސަބަބުތައް ވެސް ވިދާޅުވެ ދެއްވާފައެވެ.
އެގޮތުން، މަންފާއެއް ނުލިބި ގިނަދުވަސް ވެފައިވާ ރަށްތަކާއި ފަޅުތައް ތަރައްގީކުރަން މަގުފަހިވާނެ ކަމަށާއި، ގުދުރަތީ މުއްސަނދިކަން ދަމަހައްޓައި، އަންނަން އޮތް ޖީލުތަކަށް މަންފާވާނެ ފަދައިން ގުދުރަތީ މުއްސަނދިކަން ރައްކާތެރިކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، ސަރަހައްދީ އަދި ފަރުދީ ތަނަވަސްކަމުގެ ފަރަގު ކުޑަކުރުމާއި، ޓޫރިޒަމް ސިނާއަތުގެ އިންފްރާސްޓްރަކްޗާ ބާނުވެ ހިފެހެއްޓުމުގެ އިތުރުން ދައުލަތުން ޚަރަދުކޮށްފައިވާ އުމުރާނީ ވަސީލަތްތަކަށް ބޭނުންވާ މަރާމާތާއި ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެހެންމެ ރަނގަޅު ފެންވަރުގެ ބޯހިޔާވައްސާއި ވަޒަންވެރިވާނެ ޒަމާނީ މާހައުލުތައް އުފެއްދުމަށާއި ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމާއި ދަރަނީގެ ބުރަ އަންނަން އޮތް ޖީލުތަކަށް ލުއިކުރެވިގެންދާނެ ކަން ވެސް ފާހަގަ ކުރެއްވިއެވެ.
ޑިވެލޮޕްމަންޓު ބޭންކުން ފައިސާ ދޫކުރަނީ ހަމައެކަނި ދަރަނީގެ ގޮތުގައި ނޫންކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، މާލީ އެހީއާއި ފަންނީ އެހީ ފޯރުކޮށްދިނުމަށް އިކުއިޓީ ފައިނޭންސް، ފަންޑުތައް، ސިންޑިކޭޝަން، ރިސްކް އިންޝުއަރެންސް ތައާރަފު ކުރާނެ ކަމަށެވެ.

