ބ.އަތޮޅުގެ ދެ ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.
ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ފުލުހުން ގާއިމުވެތިބެ ހިދުމަތް ދޭން ފަށާފައި ވަނީ އެ އަތޮޅު ކެންދޫ އާއި ދޮންފަނުގައެވެ.
ކެންދޫގައި ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކައުންސިލު ރައީސް އިބްރާހީމް ޢަބްދުއްރަހްމާންއެވެ.
ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ 2016 މެއި 6 ވަނަ ދުވަހު ކެންދޫގައި ޕޮލިސް ޑެސްކުން ފެށި ފުލުހުންގެ ހިދުމަތް މިއަދު ޕޮލިސް ޕޯސްޓަކަށް ތަރައްގީ ކުރެވިގެން ގޮސްފައިވާތީ ރަށުގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ.
ކެންދޫ ޕޮލިސް ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަގާފައިވެއެވެ.
ކެންދޫގެ އިތުރުން ދޮންފަނުގައި ވެސް މިއަދު ވަނީ ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައި ފުލުހުން ގާއިމުވެތިބެ އެ ރަށުގައި ހިދުމަތްދޭން ފަށާފައެވެ.
ދޮންފަނު ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކައުންސިލު ރައީސް އަޙްމަދު އިރުޝާދުއެވެ.
ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ. ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލު ރައީސް އަހްމަދު އިރުޝާދުއެވެ.
މި ދެ ރަށުގެ ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ސަރވިސް ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީ އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ބ. އަތޮޅު ކައުންސިލު ރައީސް އަހްމަދު އަފްރާހު އަދި އެ ދެ ރަށުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

