ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގެ ދަރިވަރަކު ކުއްލިގޮތަކަށް ނިޔަވުމާގުޅިގެން އެ ދަރިވަރުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެ ދަރިވަރު ނިޔާވުމާ ގުޅިގެން އާއިލާއަށް ތައުޒިޔާ ވިދާޅުވެ އެމަނިކުފާނު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުރަވީ ސްކޫލްގައި ތައުލީމު ހާސިލުކުރަމުންދިޔަ އުމުރުން 13 އަހަރުގެ ފާތިމަތު ޝިމާ މުޖައްމަދު، ކުއްލި ގޮތަކަށް މިއަދު ނިޔާވި ޚަބަރު އަޑު އެހީ، ނުހަނު ފުން އަސަރާއި ކަންބޮޑުވުމާއިއެކުކަމަށެވެ.

އަދި ލޮބުވެތި ދަރިވަރުގެ ބެލެނިވެރީންނަށާއި އާއިލާއަށް، އަދި ރަޙްމަތްތެރީންނަށާއި އެކުގައި ކިޔަވާ ކުދީންނަށް، އަދި ހުރަވީ ސްކޫލުގެ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ކުރިމަތިވި މި އުނދަގޫ ވަގުތުގައި ކެތްތެރިކަން މިންވަރުކޮށް ދެއްވުން އެދި ދުއާ ކުރައްވާ ކަމަށް ރައީީސް ވިދާޅުވިއެވެ.

އަދި މާތް ރަސްކަލާނގެ ތަނަވަސް ރަހްމަތާއި ނިއުމަތުގައި، އެ މައުސޫމް ދަރިވަރު ލެހެއްޓެވުން އެދި ކުރާ އިހްލާސްތެރި ދުއާތައް ތަކުރާރު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ހުރަވީ ސްކޫލްގެ ދަރިވަރު ނިޔާވީ ސްކޫލްގައި ކާން އިންދާ ކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން ބުނީ، މިކަން ހިނގައިދިޔަ ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.