އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމާއި، ބަލިމީހުންނަށް ފަރުވާ ދިނުމުގައި، ބޭސްފަރުވާގެ ތަޖުރިބާއާއި، ނަފްސާނީ އެހީތެރިކަމާއި، އާންމުންގެ ބައިވެރިވުންވެސް ހިމެނޭނެހެން، ވަށާޖެހެނިވި އުސޫލުތަކެއް ގެންގުޅުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އުރަމަތީގެ ކެންސަރު އަވަހަށް ދެނެގަތުމަށް ހޭލުންތެރިކަން އިތުރުކުރުމަށްކުރާ ގައުމީ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ، ”އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމުގެ 5 ވަނަ އަހަރީ މަހާސިންތާ“ އިފްތިތާހު ކުރުމަށް ހޮޓެލް ޖެންގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި، ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންދެއްކެވި ވާހަކަފުޅުގައި، އުރަމަތީގެ ކެންސަރު ބަލީގެ ކޭސްތައް މަދު ކުރުމަށްޓަކައި، ބަލި ހުރިކަން އަވަހަށް ދެނެގަތުމަށާއި ފަރުވާގެ ދާއިރާ ފުޅާ ކުރުމަށް ބާރުއެޅުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭކަން ފާހަގަކުރައްވައި، އުމުރުން 40 އަހަރުން މަތީގެ އަންހެނުން، ޤަވާޢިދުން މެމޯގްރާމް ހެދުމަށާއި، ބަލީގެ އަލާމާތެއް ހުރިތޯ އަމިއްލައަށް ބަލަންޖެހޭކަންކަން ބަލަމުން ދިއުމަށް ނުވަތަ ސެލްފް އެގްޒަމިނޭޝަން ހެދުމަށް އިލްތިމާސް ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ވަރަށްގިނަ ރީޖަނަލް ހޮސްޕިޓަލްތަކުގައި ކީމޯތެރަޕީ ލިބެން ހުރިކަމީ، ފަރުވާގެ ފުރުސަތު އިތުރުކުރުމުގެ ދާއިރާއިން ހޯދުނު ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމުގައި ވިދާޅުވިއެވެ.
އަދި އުރަމަތީގެ ކެންސަރުން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކުރަމުންދާ މަސައްކަތްތަކާއި، އުރަމަތީގެ ކެންސަރު ބައްޔާ ގުޅިގެން ޒަމާނުއްސުރެ ފެތުރިފައި އޮންނަ ތޯތޯ، ބޯދާ ގަބޫލުކުރުންތައް ނައްތާލައި، ހެކީގެ މައްޗަށް ބިނާ ކުރެވިފައި އޮންނަ މައުލޫމާތު ފޯރުކޮށްދިނުމަށް ކެންސަރ ސޮސައިޓީން ކުރަމުންދާ މަސައްކަތަށް އެކަމަނާ ވަނީ ތައުރީފް ކުރައްވާފައެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ ވަނީ، ކެންސަރުން ރައްކާތެރިވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ކެންސަރު ކޮންޓްރޯލް ކުރުމުގެ ގައުމީ ޕްލޭން 2022-2026 އާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ކެންސަރު ބަލީގެ މީހުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި އެންމެ ޒަމާނީ ކެންސަރު ހޮސްޕިޓަލެއް ތަރައްގީ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެކަމަނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކެންސަރު ބަލި، ޚާއްޞަކޮށް އުރަމަތީގެ ކެންސަރު ބައްޔާ ގުޅުން ހުރި ގޮންޖެހުންތައް ގިރާކުރުމަށް ހަލުއި ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކުރައްވާފައެވެ.
އެކަމަނާ ވަނީ ކެންސަރު ބަލީގެ މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބާރުލުން ދެއްވުމަށް ގޮވާލައްވާފައެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު ކުރިއަށް ދިޔަ އިފްތިތާހީ ރަސްމިއްޔާތުގައި، އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓަންޓް އިން ރޭޑިއޮލޮޖީ ޑރ. ފާތިމަތު މުފްލިހާ ވަނީ، އުރަމަތީގެ ކެންސަރު އަވަހަށް ދެނެގަތުމުގެ ރަން މިންގަނޑެއްގެ ގޮތުގައި ބަލައިގެންފައިވާ މެމޯގްރާމް ހެދުމުގެ މުހިންމުކަމާ ބެހޭގޮތުން ތަފްސީލީ ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ. އަދި އައިޖީއެމްއެޗްގެ ޕްރިންސިޕަލް ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އާފިޔާ އަލީ ވަނީ ”ފޭސިން ފިއާ، ފައިންޑިން ސްޓްރެންތް: އަންޑަސްޓޭންޑިން ދަ ރޯލް އޮފް ސައިކޮލޮޖިކަލް އޮންކޮލޮޖީ“ މި މައުޟޫއަށް، ނަފްސާނީ ޞިއްޙަތުގެ ރޮނގުން ވާހަކަފުޅު ދައްކަވާފައެވެ.
މީގެ އިތުރުން، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ ފާމަސޫޓިކަލް މެނޭޖަރު ފާޠިމަތު ލިމްޔާ ވެސް ވަނީ އުރަމަތީގެ ކެންސަރަށް ފަރުވާ ދިނުމުގައި ފާމަސޫޓިކަލް ކަންކަމާ ބެހޭގޮތުން އޭނާގެ ތަޖުރިބާ ހިއްސާކުރައްވާފައެވެ.
މިއަދު އިފްތިތާހް ކުރި މަހާސިންތާގައި، އުރަމަތީގެ ކެންސަރުން ރައްކާތެރިވުމާއި، ބަލި ދެނެގަތުމާއި، ބަލިމީހުންނަށް ފަރުވާ ދިނުމާ ބެހޭގޮތުން ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ތަޖުރިބާކާރުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެއެވެ.

