ރާއްޖެއަށް ތިމާވެއްޓާ ރައްޓެހި ބައިސްކަލު ތައާރަފު ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވީ، ތިމާވެއްޓާ ރައްޓެހި ބައިސްކަލު ރާއްޖެއަށް ތަޢާރަފްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މިމަސައްކަތް ކުރަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާއި ގުޅިގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ބައިކް ޝެއަރިން ސްކީމެއް ހުޅުމާލޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތުން ތިމާވެއްޓާ ރައްޓެހި 100 ބައިސްކަލު އެޗްޑީސީއާ ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.

”މިކަމަށްޓަކައި ސޯލާ ޗާޖިން ސްޓޭޝަންތަކެއް ޤާއިމުކުރެވޭނެ. އަދި މިކަމަށް ބޭނުންވާ ދިރާސާގެ މަސައްކަތް މިހާރުވަނީ ނިމިފައި. ފައިސާ ވެސް ވަނީ ހަމަޖެހިފައި.“ މިނިސްޓަރު ވިދާޅުވިއެވެ.

ލޯ އެމިޝަން ޓްރާންސްޕޯޓް ޕްރޮޖެކްޓްގެ ދަށުން ތިމާވެއްޓާ ރައްޓެހި ދުއްވާތަކެތި ތަޢާރަފުކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.