މާލެއަށް ދިމާވެފައިވާ ބުޅަލުގެ މައްސަލައިގެ ވާހަކައަކީ ސަރުކާރުތަކުން ދައްކަމުން އައި ވާހަކަތަކެއް ކަމަށާއި، ނަމަވެސް އެ މައްސަލައަށް ދާއިމީ ހައްލެއް ގެންނެވުމަށް އަމަލީ މަސައްކަތް ފެއްޓެވީ މާލޭ ސިޓީ މޭޔަރަކަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ހުންނަވާ ފެއްޓެވި މަސައްކަތުން ކަމަށް މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިހެން ވިދާޅުވީ، ފޭސްބުކް/އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

”ކައުންސިލްގައި ރައީސް މުއިއްޒު ހުންނަވާ ޓޯޓަލް ސޮލިއުޝަން ބުޅަލުގެ މައްސަލައެއް ހޯއްދަވަން ކުރަމުން އައި މަސައްކަތް ހުއްޓުނީ ކުރީ ސަރުކާރުން އެކަމަށް ދެންޖެހޭ ބިން ނުދީ ހިފެހެއްޓުމުން!“ ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް އިންތިހާބު ވުމާއި އެކު ފުރަތަމަ އަހަރު ތެރޭގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެން އެނިމަލް ވެލްފެއާރ އާއި ހަވާލުކޮށްގެން މަލޭ ސިޓީ ކައުންސިލްގެ އެހީތެރިކަމާއި އެކު ސަރުކާރުން ހުޅުމާލެ އިން ފަހިކޮށްދިން ބިމުގައި މިހާރު ކެޓް ޝެލްޓަރ އެއް ބިނާކޮށް ނިމިފައިވާއިރު، އަންނަމަހު ކުރީކޮޅު އެ ތަން ހުޅުވަން ތައްޔާރުވެފައިވާ ކަމަށެވެ.

”މިއީ ސީދާ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ކުރިޔަށް ގެންދިޔަ ސަރުކާރުގެ ޕްރެޖެކްޓެއް، މިކަމުގައި ކެޓް ޝެލްޓަރ ބިނާކުރުމުގެ މަސައްކަތް ސަރުކާރުން އެދުނު ގޮތަށް ކޮށްދިނީ ސިޓީ ކައުންސިލުން!“ ނަރީޝް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މާލެ ސިޓީގެ ރައްޔިތުންގެ މިބޮޑު ކަންބޮޑުވުމަށް ގެނެސްދެއްވި އަވަސް ހައްލަށް ރައީސް މުއިއްޒަށް ހައްގު ޝުކުރު ދަންނަވާ ކަމުގައެވެ.

ޕެޓް ކެއަރ ޝެލްޓަރގެ މަސައްކަތް ދަނޑުވެރިކަމާ ދިރޭތަކެއްޗާބެހޭ ވުޒާރާއިން މާލެ ސިޓީ ކައުންސިލާ ހަވާލުކުރެއްވީ މިދިޔަ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ.