ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމުގައި ކަނޑައަޅަން ސަރުކާރުން ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކާ ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވާނީ ނިންމާފައި ކަމަށެވެ.

”މީގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށްވެސް ގާނޫނަށް އިސްލާހު ގެނެވޭނެ.“ އެމަނިކުފާނު ވިދާޅުވިއެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެންގެވިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.