ވޭޕް މަނާ ކުރުމުން، އޭގެ ވިޔަފާރި ކުރާ ފަރާތްތަކަށް ގެއްލުން ލިބިދާނެތީ، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް މިއަދު ކުރެއްވި ބަހުސްގައި ޣަފޫރު ވިދާޅުވީ، ވޭޕް ވިޔަފާރިއަށް ވަރަށް ފުޅާ ދާއިރާއެއްގައި އިންވެސްޓު ކޮށްފައިވާ މީހުން ރާއްޖޭގައި އެބަތިބި ކަމަށެވެ.
”އެބޭފުޅުންނަށް ހަމަ މާދަމާ ފިހާރައިގައި ތަޅު އަޅުވާލާފައި، އޭގެ ބަދަލެއް ދޭނެތޯ، ނުދޭނެތޯ ވެސް އަޅުގަނޑުމެން ވިސްނާލަން ޖެހޭ އިއްޒަތްތެރި ރައީސް. ރާއްޖެ އަކީ މިނިވަން ވިޔަފާރި ކުރާ ގައުމެއް، މިނިވަން ވިޔަފާރީގެ ސިނާއަތުގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނީ.“
އޭނާ އިތުރަށް ވިދާޅުވީ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރުގެ ފަރާތުން ގެންނާން ހުށަހަޅާފައިވާ އިސްލާހާއިމެދުގައި ވަރަށް ބޮޑަށް ވިސްނައިލަން ޖެހޭ ކަމަށެވެ.
”އަޅުގަނޑުމެން މިވަރަށް ދުންފަތާއި ސިނގެރޭޓުގެ ޑިއުޓީ ބޮޑު ކުރާއިރު، އެއީ ރައްޔިތުންނަށް ތަހައްމަލު ކުރެވޭނެ ކަމެއްތޯ އަޅުގަނޑުމެން ވިސްނާލަން ޖެހޭ.“ ޣަފޫރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިނގިރޭޓު އެންމެ އަގު ބޮޑީ އޮސްޓްރޭލިއާގައި ކަމަށާއި އެ ގައު ޖީ-7ގެ ގައުމެއް ކަމަށެވެ. އަދި ދެ ވަނައަށް ސިނގިރޭޓު އެންމެ އަގުބޮޑު ގައުމަކަށް ރާއްޖެވާއިރު، މިއީ ތިންވަނަ ދުނިޔޭގެ ގައުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ، ސިނގިރޭޓުގެ ޑިއުޓީ ބޮޑު ކުރަން އޭނާ ވެސް ދެކޮޅު ނޫން ކަމަށާއި، ނަމަވެސް ”މިއަދު ކުރަން އުޅޭ ވަރަށް ބޮޑު ކުރުމާ ކަނޑައެޅިގެން ދެކޮޅު“ ކަމަށެވެ.
ރާއްޖޭގެ 18 އަހަރުން މަތީގެ މީހުންގެ ތެރެއިން، 40 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރާކަން ޣަފޫރު ފާހަގަކުރެއްވިއެވެ.
”ދައުލަތުގެ އާމްދަނީ ވެސް އިތުރު ކުރަން ޖެހޭނެ، އެހެންނަމަވެ، ރައްޔިތުންނަށް އުފުލޭވަރު ބުރައެއް، އަޅުގަނޑުމެން ރައްޔިތުންނާ ހަވާލު ކުރަން ޖެހޭނީ، އިއްޒަތްތެރި ރައީސް.“ އޭނާ ވިދާޅުވިއެވެ.

