ރާއްޖެއަށް ވޭޕް އެތެރެކޮށް ވިއްކުމާއި ބޭނުންކުރުން މަނާ ކުރަން ޖެހުނީ، ވަރަށް ކުޑަ ކުދިން ވެސް އެ ބޭނުންކުރަން ފަށައި، ވޭޕް މެދުވެރިކޮށް މަސްތުވާތަކެތި ވެސް ތައާރަފު ކުރަން ފެށުމުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވީ، ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ވޭޕްއަށް ދެވި ހިފާފައިވާ ކުޑަކުދިންގެ ތެރޭގައި އުމުރުން އެންމެ 9 އަހަރުގެ ކުދިން އެބަތިބި ކަމަށާއި ސަރުކާރުގެ އޮތް ކަންބޮޑުވުމަކީ އެފަދަ ތަކެތީގެ ތެރެއަށް ލާފައި އޮޅުވާލައިގެން އެ ކުދިންނަށް މަސްތުވާތަކެތި ދެމުން އައުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއީ މަސްތުވާތަކެތި ބޭނުންކުރާ އާންމު އުސޫލުގެ ތެރެއިން ނުފެންނަ ޓްރެންޑެއް ކަމަށާއި އުމުރުން ނުވަ އަހަރުން ފެށިގެން އެގާރަ އަހަރާ ދެމެދުގެ ކުދިން އެފަދަ ތަކެތި ބޭނުންކުރާތަން މިހާތަނަށް ފެނިފައިނުވާ ކަމަށެވެ.

ވޭޕްގެ ސަބަބުން މަސްތުވާތަކެތި ބޭނުންކުރަމުން އަންނަ ޖީލެއް ރާއްޖެ އުފެދިދާނެ ކަމުގެ ބިރު އޮތްކަން ވެސް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖެ ހިމެނޭ ސަރަހައްދުގައި 11 ގައުމެއް އޮންނައިރުގައި، އޭގެ ތެރެއިން އަށް ގައުމަކުން ވޭޕް ބޭނުންކުރުން މަނާކޮށްފައިވާ ކަމުގައެވެ.

އެ ގައުމުތަކުން މަސްތުވާތަކެތީގެ މައްސަލައަށް ގޮތް ނިންމުމުގައި ވެސް އެޓޭކް ކުރީ ވޭޕަށް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.