ޓޫރިޒަމް ގާނޫނަށް ބަދަލުގެނެސްގެން ނަމަވެސް އައްޑޫގައި ބަންދުކޮށްފައިވާ ޝަންގްރިއްލާ ރިސޯޓު ހުޅުވާނެކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ފައިސަލްއާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ހިތަދޫ ދެކުނު ދާއިރާ އިބްރާޙިމް ނާޒިލް ވަނީ، ޝަންގްރިއްލާ 6 މަސް ތެރޭ ހުޅުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއްކަން ފާހަގަކޮށް އެކަމުގެ އަޕްޑޭޓަކީ ކޮބައިތޯ ސުވާލު ކުރައްވާފައެެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ ޝަންގްރިއްލާގެ މައްސަލައަކީ އައްޑޫގެ ޓޫރިޒަމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

ފައިސަލް ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ މަސްތެރޭގައިވެސް ޝަންގްރިއްލާގެ، ރާއްޖޭގައި ތިބި މެނޭޖްމަންޓާވެސް ބައްދަލުކުރެއްވި ކަމަށެވެ.

ފައިސަލް ވިދާޅުވީ ޝަންގްރިއްލާ އޮޕަރޭޝަނަށް ނުގެނެވި އޮތީ މިސަރުކާރުގެ 10 މަހުގައި އެކަނި ނޫންކަމަށާއި އެރަށް އޮޕަރޭޝަނަލް ނުގެނެވި އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށެވެ. އަދި ޝަންގްރިއްލާގެ އޯނަރުންނާ ބައްދަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް ވަރަށް އަވަހަށް އެ ބޭފުޅުން ތިއްބެވި ތަނަކަށް ދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް ތަރައްގީ ކުރުމަށް ރަށެއް ނަގާ ތަރައްގީ ކުރުމަށް ފަހު އޮޕަރޭޓު ނުކޮށް އޮތްނަމަވެސް ކުލި ދައްކާ ނަމަ އެ ރަށް ނެގޭނެ ހާލަތެއް ގާނޫނުގައި ނޯންނަކަން މިނިސްޓަރު ފައިސަލް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސްގެން ނަމަވެސް ޝަންގްރިއްލާ ރިސޯޓު ހުޅުވާނެކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބަންދުކުރި ގޮތަށް އެ ރިސޯޓު މިހާތަނަށް ހުޅުވާފައެއް ނުވެއެވެ.

ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަކީ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އާއި އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ 70 ޕަސެންޓް ހިއްސާއާ އެކީ 2008 ގައި ހުޅުވި ރިސޯޓެކެވެ.