ދައުލަތުގެ ހަރަދުތައް ކުޑަ ކުރެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މުސާރަ ކުޑަ ކުރުމަށް އެމަނިކުފާނު ނިންމެވި ނިންމެވުމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ތައުރީފު ކުރައްވައިފިއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވާނީ ނިންމާފައި ކަމަށެވެ.

މިގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުމަށާއި، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުމަށާއި، ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށް ނިންމެވިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސް ވަނީ، މިހާރު 100،000ރ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނިތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭކަން ފާހަގަކުރައްވައިފައެވެ.

ޝުޖާއު މިރޭ އެކްސްގައި ވިދާޅުވީ، ރައީސްގެ ނިންމެވުމަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަމަށެވެ.

”އަދި ގައުމުގެ އިގްތިސާދީ ހާލަތު ރަގަޅުވަންދެން ރައީސްގެ މުސާރައިން %50 ނުނަންގަވަން ނިންމެވި ނިންމެވުމަކީ ގައުމު ހަމަމަގަށް އެޅުއްވުމަށް ރައީސްގެ އިހްލާސްތެރި ނިޔަތް އޮތްކަށް ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް.“ ‏އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީިސް ބޭނުންފުޅުވެލައްވާ ބަދަލު ގެނައުމަށް ގާނޫނަކަށް ގެންނަންޖެހޭ އެއްވެސް އިސްލާހެއް ވާނަމަ، އެ އިސްލާހަކަށް ފުރިހަމަ އަށް ތާއީދު އޮންނާނެ ވާހަކަ ދަންނަވާ ކަމުގައެވެ.

”ދިވެހީންނަށް ހަގީގީ ދިވެހީންގެ ރާއްޖެ ރައީސް ޑރ.މުއިއްޒު އާއެކު ހޯދޭނެ.“ ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން އަޅުއްވަން ނިންމަވައިފައިވާ ފިޔަވަޅުތައް؛

މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.

4.ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން.

ރައީިސް ވިދާޅުވީ މި ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާކުރެވޭނެ ކަމަށެވެ.

”މީގެ އިތުރުން އަޅުގަނޑުގެ މުސާރައިގެ %50 ނުނަގާ ގޮތަށް ހަމަޖައްސަން ދެންނެވުން.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ، މިއީ ދެ އަހަރު ދުވަހަށް އަޅުއްވާ ފިޔަވަޅުތަކެއްކަން އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ފާހަގަކުރައްވައިފައެވެ.

ހަރަދު ކުޑަ ކުރުމުގެ ގޮތުން، މުސާރަތައް ކުޑަ ކުރުމަށް ރައީސް މުއިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.