ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މިއަދު ސާބިތުކޮށްދެއްވަމުން އެ ގެންދަވަނީ އެމަނިކުފާނަކީ ދިވެހީންގެ ވެރިއެއްކަން ކަމުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ޝިޔާމު މިފަދައިން ވިދާޅުވެފައި މިވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި ދުޅަހެޔޮ ޖީލެއް ބިނާކުރެއްވުމަށް ރައީސް މުއިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ގުޅިގެންނެވެ.
މީސްމީޑިއާގައި މިނިސްޓަރު ޝިޔާމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ވީދެމުންދާ އިޖުތިމާއީ ފޭރާން ހެޔޮކޮށް ރާއްޖޭގެ މާލީހާލަތު ރަނގަޅުކޮށް ދިވެހީންނަށް، ދިވެހީންގެރާއްޖެ އަނބުރާ ހޯދައިދިނުމުގެ ބުރަ އުނދަގޫ މަސައްކަތް ރައީސް މުއިއްޒުގެ ޒައާމަތުގެ އެންމެ ފުރަތަމަ ދުވަހުވެސް ފައްޓަވާފައިވާ ކަމަށެވެ.
އަދި ދިވެހި މުޖުތަމައު ތެރޭގައި މޫލާފައި ހުރި ޖީލުތަކަށް ދެމިގެންދާ ވަރަށް ނުބައި ގިނަ އާދަތަކެއް ހުރިކަން މިއީ އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާ ހަގީގަތް ކަމުގައިވިޔަސް، ނެތީ ތެދުވެރި ނިޔަތަކާއެކު އެކަންކަމަށް ކުރިމަތިލައްވައިގެން ހައްލުކުރައްވާނެ ވެރިން ކަމުގައި ޝިޔާމް ވިދާޅުވިއެވެ.
އެކަމަކު ރައީސް ޑރ. މުއިއްޒުގެ ފަރާތްޕުޅުން މިއަދު ފެންނަނީ ސިޔާސީ ވެރިންގެ ފަރާތްޕުޅުން އެއްގޮތަކަށްވެސް ނުފެންނަ ކަންކަމޭ ދެންނެވުން އެއީ ކުށަކަށް ނުވާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ރައީސް މުއިއްޒު މިހާރު ނިންމަވަމުން އެ ގެންދަވަނީ ފަސޭހަ ނިންމެވުންތަކެއް ނޫން ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސްގެ ނިންމެވުންތަކަކީ ސިޔާސީ ގޮތުން މަގުބޫލު ނިންމެވުންތަކެއް ކަމަށް ގަބޫލުކުރައްވާ އެއްވެސް ސިޔާސީ ބޭފުޅަކުވެސް ނެތް ކަމަށެވެ.
އަދި ބައެއް ނިންމެވުންތަކަކީ ނުފޫޒުގަދަ ބައެއް ވިޔަފާރިވެރިންގެވެސް ނުރުހުންތެރިކަން އަމާޒުވާ ނިންމެވުންތަކެއް ކަމުގައި ވިދާޅުވިއެވެ.
”އެހެން ނަމަވެސް ރައީސް މިއަދު އެ ސާބިތު ކޮށްދެއްވަނީ މިއީ އެކަކު ދެމީހެއްގެ ގައުމެއް ނޫން ކަމެވެ. އެމަނިކުފާނު އެ ސާބިތުކޮށްދެއްވަނީ އެމަނިކުފާނަކީ ދިވެހީންގެ ވެރިއެއް ކަމެވެ،“ ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމު ވަނީ ރައީސް މުއިއްޒު އެކުރައްވާ މަސައްކަތްތަކަކީ އަންނަން އޮތް ޖީލުތަކަށް މި ގައުމު ސަލާމަތްކޮށްދިނުމުގެ ގޮތުން ކުރައްވާ މުހިއްމު ބުރަ މަސައްކަތްތަކެއް ކަމަށް ސިފަ ކުރައްވައިފައެވެ.
އެހެންކަމުން ހުރިހާ ރައްޔިތުންވެސް ބަލަންވީ އެ ކަންކަމުގައި ރައީސްއަށް ކޮށްދެވޭނެ ކަމަކީ ކޮބައިތޯ ކަމަށްވެސް ވިދާޅުވިއެވެ.
”މާދަމާ މިފަސްގަނޑުގައި ދިރިއުޅެން ތިބޭނީ ހަމަ އަޅުގަނޑުމެންގެ ދަރިންނާ ދަރިންގެ ދަރިންނެވެ. އަޅުގަނޑުމެންގެ ދަރިފަސްކޮޅެވެ،“ ޝިޔާމު ވިދާޅުވިއެވެ.

