ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފު، ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުން 2024، ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތުގައި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ އިނގިރޭސިވިލާތުގެ ރަސްގެފާނު ހިޒް މެޖެސްޓީ ޗާލްސް 3 ވަނަ، އާއި ކޮމަންވެލްތު ޤައުމުތަކުގެ ވަފުދުތައް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ރާއްޖޭގެ ވަފުދުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެގޮތުން މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޚަލީލާއި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ރާފިޢުއާއި، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސަމޯއާގެ ބޮޑުވަޒީރު ހަރ އެކްސެލަންސީ ފިއާމޭ ނައޯމީ މަޓައާފާ ވަނީ ކޮމަންވެލްތު ބައްދަލުވުމަށް ވަޑައިގެންނެވި މަންދޫބުންނަށް ރަސްމީކޮށް މަރުހަބާ ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ 2024 ވަނަ އަހަރުގެ ކޮމަންވެލްތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އިސްވެރިންގެ ރަސްމީ އާއިލީ ފޮޓޯގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.
ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ބާއްވަނީ ކޮންމެ ދެ އަހަރަކުން އެއްއަހަރުއެވެ. އަދި ބައްދަލުވުން ބާއްވަނީ މެންބަރު ޤައުމުތަކުގެ ތެރެއިން އެކި ފަހަރު އެކި ޤައުމުގައެވެ.
މި އަހަރަކީ ޕެސިފިކް ސަރަހައްދުގެ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓް (ސިޑްސް)ގެ ޤައުމެއްގައި ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ.
ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުމުގެ ޝިޢާރަކީ ”ވަން ރެސިލިއަންޓް ކޮމަން ފިއުޗާ: ޓްރާންސްފޯމިން އަވާ ކޮމަންވެލްތު“އެވެ.

