ހެޔޮވެރިކަމެއް ކުރިއެރުވުމަށާއި ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާ ކުރުމަށް ރާއްޖެއިން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގ (ޗޮގަމް)ގެ އެގްޒެކެޓިވް ސެޝަންގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޑިމޮކްރަސީއާއި، އިންސާނީ ހައްގުތަކާއި، ސުލްހަމަސަލަސްކަމާއި، ތަފާތު ފިކުރުތަކަށް އިހްތިރާމްކުރުމަކީ، މުޖުތަމައުތައް ކުރިއަރައި ދިއުމުގެ މައިގަނޑު ތަނބުތައްކަން ފާހަގަކުރައްވައި، މި އަސާސްތަކުގެ ސަބަބުން، ގާނޫނީ ވެރިކަން ދެމެހެއްޓުމާއި، ހެޔޮވެރިކަމުގެ މަގަށް މަގުފަހިވެގެންދާކަމުގައި ވިދާޅުވިއެވެ.
އަދި މިނިވަންކަމާއި އިންސާފުވެރިކަމާއެކު، ދިވެހިރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ހަތަރު ބުރެއް ކާމިޔާބުކަމާއެކު ރާއްޖޭގައި ބޭއްވިފައި ވާކަމީ، ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ބިނާކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރާކަން ދަލީލުކޮށްދޭ ކަމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި އިންތިޚާބުތައް އޮބްޒާވްކުރެއްވުމުގައި ކޮމަންވެލްތުގެ ސެކްރެޓޭރިއެޓުން އަދާކުރައްވާފައިވާ މުހިންމު ދައުރަށް ޝުކުރު އަދާކުރައްވައި، ކޮމަންވެލްތުގެ އިންތިޚާބީ އެހީތެރިކަން އިތުރަށް ހަރުދަނާކުރެއްވުމަށާއި، އިންތިހާބާބެހޭ އޮފިޝަލުންނާއި މުއައްސަސާތައް ތަމްރީނުކުރެއްވުމާއި، މުޅި އިންތިހާބާބެހޭ ނިޒާމުގެ ފުރިހަމަ ޕްލޭނެއް އެކުލަވާލެއްވުމާއި، އިންތިހާބާބެހޭ އޮބްޒަރވޭޝަން ރިޕޯޓްތަކުގެ ދުވެލި ހަލުވިކުރެއްވުމާއި، ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމަށް އޮބްޒަރވޭޝަން ގުރޫޕުތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ލަފާދެއްވިއެވެ.
ނައިބު ރައީީސް ދެއްކެވި ވާހަކަފުޅުގައި، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރެއްވުމަށް، ކޮމަންވެލްތާއެކު ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ސަމޯއާގައި ބާއްވާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގެ އިސް ލީޑަރެއްގެ ގޮތުގައި، މިފަހަރު ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

