ހައިކޯޓުގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ސީއެޗްއެސްއީގައި ބޭއްވުނު ހަފްލާގައި، ރައީސް މުހައްމަދު މުއިއްޒުގެ ބައްޕާފުޅު، އަލްމަރުހޫމް ހުސެން އަބްދުއްރަހްމާންގެ ފަނޑިޔާރު ހެދުންކޮޅު އެމަނިކުފާނުގެ ދަރިކަލުންނަށް ހަދިޔާ ކޮށްފިއެވެ.

ދީނީ އިލްމުވެރިއެއްގެ ގޮތުގައި މަޝްހޫރުވެވަޑައިގެންނެވި ޝައިހް އަބްދުއްރަހްމާނަކީ ރާއްޖޭގެ ހައިކޯޓުގެ ފުރަތަމަ ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅެކެވެ.

އެމަނިކުފާނު 1980 ވަނަ އަހަރު ފަނޑިޔާރުކަމުގެ މަޤާމު އަދާކުރެއްވުމަށްފަހު، އެޓާނީ ޖެނެރަލްގެ ނައިބުކަމުގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

އެމަނިކުފާނުގެ އަގުހުރި ހިދުމަތްތަކުގެ ތެރޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމާއި ދީނީ ތައުލީމަށް ކުރެއްވި މަސައްކަތް ފާހަގަކޮށް، 2013 ވަނަ އަހަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ގައުމީ އިނާމު ލިބިވަޑައިގަތެވެ.

2015 ވަނަ އަހަރު، އެމަނިކުފާނު ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާގައި ހުންނަވަނިކޮށް ވަނީ އަވަހާރަވެފައެވެ.