ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބޭނުންކުރާނެ ސްލޯގަންއަކީ ”ތަރައްގީގެ ބައިވެރިޔާ“ ކަމަށް ނިންމައި، އެކަން އިޢުލާނުކޮށްފިއެވެ.
ސްޓެލްކޯގެ ސްލޯގަން އިފްތިތާހު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހުސައިން ފަހުމީއެވެ.
ސްޓެލްކޯގެ ހިދުމަތަށް މި އަހަރުގެ ޑިސެންބަރު މަހު 75 އަހަރު ފުރޭއިރު، ސްޓެލްކޯއިން ސްލޯގަންއެއް ބޭނުންކުރަން ފަށާފައިމިވަނީ އަލަށެވެ.
މި ސްލޯގަންއިން ރަމްޒުކޮށްދެނީ 1949 ވަނަ އަހަރު ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ފެށިގެން މި ވޭތުވެދިޔަ މުއްދަތުގައި ގައުމީ ތަރައްޤީގައި ސްޓެލްކޯއިން ވެފައިވާ ހިއްސާއެވެ.
އެގޮތުން ގައުމީ ތަރައްގީގެ ދުވެލި ހަލުވިވެގެން ދިއުމުގައި ކަރަންޓުގެ ސިނާއަތާއި އެ ސިނާއަތުގައި ހިދުމަތްދޭން އޮތް ކުންފުނީގެ ހައިސިއްޔަތުން ސްޓެލްކޯގެ ދައުރު މި ސްލޯގަންއިން ރަމްޒުކޮށްދެއެވެ.
އަދި ހަމަ މިއާއިއެކު 1949ން ފެށިގެން ސްޓެލްކޯއިން އެކި ނަންނަމުގައި ދެމުންއައި ކަރަންޓުގެ ހިދުމަތުގެ އިތުރުން މިހާރު އެ ކުންފުނިން ދެމުންދާ ފެނާއި، ނަރުދަމާގެ ހިދުމަތާއިއެކު ގައުމީ ތަރައްޤީގައި ކުންފުނީގެ ހިއްސާ އިތުރުވެގެން ގޮސްފައިވާ ވުން ވެސް މި ސްލޯގަންއިން ރަމްޒުކޮށްދޭ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

