ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދައުލަތުގެ މީޑިއާ އިން މިދިޔަ ޖޫން މަހުގައި ކުރިއަށް ގެންދިޔަ ހާއްސަ ޓެލެތޯނުން ލިބުނު ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އޭޖެންސީ ފޯރ ޕަލަސްތީނިއަން ރެފިއުޖީޒް (އަންރުވާ) އަށް ފޮނުވިކަން ސަރުކާރުން ކަށަވަރު ކޮށްދީފިއެވެ.

ޕީއެސްއެމް އިން ކުރިއަށް ގެންދިޔަ ”ފަލަސްތީނާއެކު ދިވެހީން“ ޓެލެތޯނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން, ގައުމީ ފެންވަރުގައި ކުރިއަށް ގެންދިޔަ ޓެލެތޯނެކެވެ.

މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވި މި ޓެލެތޯނާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ޓެލެތޯނުން ލިބުނު ފައިސާގެ ޖުމްލަ އަދަދަކީ $1,248,826.56 (އެއް މިލިއަން ދެ ލައްކަ ސާޅީސް އަށް ހާސް އަށް ސަތޭކަ ސައްވީސް ޑޮލަރާއި ފަންސާސް ހަ ސެންޓް) ކަމަށެވެ.

އަދި މި އަދަދު ވަނީ އޮޑިޓް ފާމްއެއް ކަމުގައިވާ ކްރޯވ މޯލްޑިވްސް އެލްއެލްޕީ އިން ކޮންފަރމްކޮށްފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ސަރުކާރުން މިކަން ހާމަ ކުރީ، ޓެލެތޯނުން ލިބުނު ފައިސާ އަންރުއާ އާއި ހަވާލު ކުރިކަމުގެ ލިޔުން ހޯދުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން ”އަދަދު“ ނޫހުން ފޮރިން މިނިސްޓްރީގައި އެދިފައިވަނިކޮށެވެ.

ފޮރިން މިނިސްޓްރީއިން، އެކަމާގުޅޭ ޓްރާންސެކްޝަންތަކުގެ ފައިލްތަކާއެކު ނެރުނު ނޫސްބަޔާނުގައި ބުނީ އެ ފައިސާ 20 އޮގަސްޓް 2024 ގައި ވާނީ ފޮނުވާފައި ކަމަށެވެ.

މިނިސްޓްރީން ބުނެފައިވަނީ މިފަދަ ބޮޑު އަދަދެއްގެ ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ދިވެހި ރައްޔިތުން ހަދިޔާކޮށްފައިވާކަމީ ފަލަސްތީނުގެ މިނިވަންކަމަށް ރާއްޖެއިން ކުރާ ތާއީދާއި, އަބަދުވެސް, އަދި ވަކީން ޚާއްސަކޮށް މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި, އެ ގައުމާއި އެ ގައުމުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ދިވެހިން ތިބި ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި ބައިނަލްއަގްވާމީ ގާނޫނާއި އިންޓަރނޭޝަނަލް ހިއުމެނިޓޭރިއަން ލޯ އާ ހިލާފަށް ދެމުން ގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށިބަހުން ކުށްވެރިކުރާކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އަދި ދިވެހި ސަރުކާރުން މިހާރު ދަނީ ދިވެހި ރައްޔިތުން ހަދިޔާ ކުރި ފައިސާ ހަރަދުކުރާނެ ކުރު މުއްދަތުގެ އަދި ދިގު މުއްދަތުގެ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓުތަކާ ގުޅޭގޮތުން އަންރުވާއާއެކު މަޝްވަރާކުރަމުން އަންނަކަމުގައިވެސް ބުނެފައިވެއެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކުން އަންރުވާއަށް ފައިސާ ޖަމާކުރިކަމުގެ ‘ޑެބިޓު އެޑްވައިޒު’ ގެ ކޮޕީއާއި “އަންރުވާ ފޯރ ޕަލަސްތީން” އެކައުންޓަށް ރާއްޖެއިން ފޮނުވި ފައިސާ ލިބިފައިވާކަން ކަށަވަރުކޮށްދީ ޖޭޕީމޯގަން ބޭންކުން އިޝޫ ކޮށްފައިވާ ޓްރާންސެކްޝަން ތަފްސީލް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނާއެކު ހާމަކޮށްފައިވެއެވެ.