މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު އަންނަ އަހަރުގެ މެދުތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަހަރު ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ޗައިނާއިން ރާއްޖެއަށް ދޭ ހިލޭ އެހީގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމަވައިފައެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު، މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މި މަޝްރޫއުއާ ގުޅޭގޮތުން ވިދާޅުވީ، މި މަޝްރޫއުގެ ފީސިބިލިޓީ ހެދުމަށް އަންނަ މަހުގެ 04 ވަނަ ދުވަހު، ޗައިނާގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށެވެ.

ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ކުރިއަށް ގެންގޮސް ނިމުމުން، ދެން ހުރި ކަންކަން ނިންމައި، އަންނަ އަހަރުގެ މެދުތެރޭގައި، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަކީ އަމާޒު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”މި ދެންނެވީ، މި ހުރިހާ ކަމަކީ އަޅުގަނޑުމެންގެ ސީދާ ކޮންޓްރޯލް އޮތް ކަމެއް ނޫނޭ، ޕްރޮސެސްތަކެއް އެބަހުއްޓޭ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްދާތީ، ޗައިނާ ސަރުކާރުން ކުރިއަށް ގެންދާނީ، ހުރިހާ ސްޓެޕެއް ވެސް.“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއު ވެސް ކުރިއަށް ދާނީ، ސިނަމާލެ ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދިޔަ ގޮތަށް ކަމަށާއި، އަމާޒަކީ އަންނަ އަހަރު ފަށައި، ހަތަރު އަހަރުގެ ތެރޭގައި މުޅި ޕްރޮޖެކްޓު ނިންމައިލުން ކަމުގައެވެ.