ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު ނުވަތަ މާލެ-ތިލަފުށި ލިންކް މަޝްރޫއުގެ 45.82 އިންސައްތަ މަސައްްކަތް ނިންމައިލައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ނިމިފައިވާ މިންވަރު، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.މުއްތަލިބު ވަނީ ހާމަކުރައްވައިފައެވެ.
އެގޮތުން އެ މަޝްރޫއުގެ ޕްރީކާސްޓް ސެގްމެންޓުގެ 43.5 އިންސައްތަ ނިމިފައިވާއިރު، ތަނބުތަކުގެ ޕައިލިން މަސައްކަތުގެ 79.5 އިންސައްތަ، ޕައިލް ކެޕް މަސައްކަތުގެ 67.8 އިންސައްތަ އަދި ޕިއަރ ކޮމްޕްލެކްސް މަސައްކަތުގެ 62.2 އިންސައްތަ މަސައްކަތް ނިމިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި ތިލަމާލެ ބްރިޖް މަޝްރޫއުގެ 45.82 އިންސައްތަ މަސައްކަތް ނިމިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާސް ކުންފުންޏާ ހަވާލުކޮށްފައިވާ 500 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 2 ވަނަ ދުވަހުއެވެ.
ކަނޑުގަދަ ވުމުގެ ސަބަބުން ތިލަމާލެ ބްރިޖު މަޝްރޫއުގެ ބައެއް މަސައްކަތްތައް ލަސްވާ ކަމަށް މަސައްކަތް ކުރާ ކުންފުނިން ބުނެފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު މިއަދު ފާހަގަކުރެއްވިއެވެ.
ތިލަމާލެ ބްރިޖު މަޝްރޫއު ނިންމުމަށް، އެފްކޯންސް އިން އެއްބަސްވެފައި ވަނީ 30 މަސް ދުވަހުގެ ތެރޭގައެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެ މުއްދަތަކީ އެ ކުންފުނިން އަމިއްލައަށް ހުށަހެޅި މުއްދަތެއް ކަމަށްވުމާއެކު، ކަނޑު ފަދަވުން ފަދަ ކަމެއް ދިމާވެގެން ވިޔަސް، މަސައްކަތް ލަސް ނުކުރުމަށް އަންގާފައިވާނެ ކަމަށެވެ.
”އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، މޫސުމީ ގޮތުން މި އަންނަ ކަންތައްތަކާ ގުޅިގެން، ކަނޑު ގަދަވުމާ، މިފަދަ ކަންތައްތަކާ ގުޅުވާލައިގެން ކޮންޓްރެކްޓަރުގެ ފަރާތުން ބައެއް ފަހަރު ސަބަބު ދައްކައިގެން ބައެއް މަސައްކަތްތައް ލަސްވާކަން. މާބޮޑުތަނެއް ލަސްވި ކަމަށް ނުފެނުނު ނަމަވެސް، ބައެއް ކްރިޓިކަލް މަސައްކަތްތައް އަޅުގަނޑުމެން ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުދާކަން ފާހަގަކޮށްލަން.“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބްރިޖު މަޝްރޫއުގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ޑީޕްސީ ޕައިލިންގެ މަސައްކަތް އެންމެ އެދެވޭ މިނުގައި ކުރިއަށް ނުދާ ކަމަށެވެ.
”އެހެންކަމުން، ކޮންޓްރެކްޓަރަށް އަޅުގަނޑުމެން ފާހަގަކޮށްފަ ވާނެ، އަޅުގަނޑުމެން ގަބޫލު ނުކުރާކަން، ކަނޑު ގަދަ ވެގެން މި އަންނަ ކަމަކީ، އެބޭފުޅުންނަށް ސަބަބެއްގެ ގޮތުގައި ދައްކައިގެން މަސައްކަތް ލަސް ކުރުމަށް އިތުރު މުއްދަތެއް ހޯދުމަށް އޮތް ފުރުސަތެއް ކަމަކަށް.“ މިނިސްޓަރު މުއްތަލިބު އިތުރަށް ވިދާޅުވިއެވެ.
މި މަޝްރޫއު ނިންމުމަށް، މި ސަރުކާރު ހަވާލު ވުމުގެ ކުރިން، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ސޮއިކޮށްފައިވާ ސަޕްލިމެންޓްރީ އެގްރީމެންޓުގައި، މަޝްރޫއު ނިންމުމަށް 30 މަސް ދުވަސް ދީފައިވާއިރު، ބްރިޖުގެ ސައްކަތް ލަސްވާ އިތުރު އެއް ސަބަބަކީ، އެފްކޯންްސް ކުންފުންޏަށް ކަނޑުގައި އަޅާ މިފަދަ ބްރިޖެއް އެޅުމުގެ ތަޖުރިބާ ލިބިފައި ނެތުންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

