މި ސަރުކާރުން ދަނީ ރައްޔިތުންނާ ގުޅުން ހުރި ހުރިހާ މުހިންމު ކަމެއްގައި ރައްޔިތުޔިތުންނާ ގުޅިގެން ރޭވުންތެރިކަމާއެކު މަސައްކަތް ކުރަމުން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އެމްޑީ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން ތައްޔާރު ކުރި ގުޅިފަޅުގެ ލޭންޑްޔޫސް ޕްލޭނާއި ކުރީ ސަރުކާރުގެ ލޭންޑްޔޫސް ޕްލޭންގެ ފޮޓޯއެއް އެކްސްގައި ހިއްސާ ކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަމްދާން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން ތައްޔާރުކުރެވުނު ލޭންޑް ޔޫސް ޕްލޭން (އެލްޔޫޕީ) އިން ފެނިގެންދަނީ ޖާގަ ތަނަވަސް، ޒަމާނީ ސިޓީއެއްގެ މަންޒަރު ކަމަށެވެ.
އަދި ކުރީގެ ސަރުކާރުން ރޭވުންތެރިކަމެއްނެތި ތައްޔާރުކުރި ގުޅިފަޅުގެ އެލްޔޫޕީން ފެނިގެންދަނީ ޖާގަ ދަތި ކުޑަކޮށްޓެއްގެ މަންޒަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ގުޅީފަޅުގައި ތަރައްގީކުރާ ސިޓީގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިން އަށް ބޮޑު ސަރަހައްދެއް ކަނޑައަޅާފައިވާއިރު، ތައުލީމީ ހިދުމަތާއި ސިއްހީ ހިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތަށާއި ސިޓީ ހޮޓާ ތަރައްގީކުރުމަށް ވަކި ސަރަހައްދުތައް ކަނޑައެޅިފައި ވެއެވެ.

