ސިއްހީ ހިދުމަތާއި އިޖްތިމާއީ ހަމަހަމަކަން ހަރުދަނާކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެރކް ފައުންޑޭޝަން ކޮންފަރެންސްގައި ވަކާލާތުކުރައްވައިފިއެވެ.

ސިއްހީ ހިދުމަތާއި، އަންހެނުން ބާރުވެރިކުރުވުމާއި، ތައުލީމު ކުރިއެރުވުމުގައި ބައިނަލްއަގްވާމީ ފެންވަރުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަމަށް ވަކާލާތުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވާހަކަފުޅުދައްކަވައިފިއެވެ.

އެކަމަނާ މިފަދައިން ވަކާލާތު ކުރައްވާފައި ވަނީ، މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގައި ބޭއްވި ހައިލެވެލް ފަސްޓް ލޭޑީސް ޕެނަލްގެ ޝަރަފުވެރި މެހުމާންގެ ހައިސިއްޔަތުން ކުރެއްވި ކީނޯޓް ތަގުރީރުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، މެރކް ފައުންޑޭޝަނުން ކުރިއަށް ގެންދާ ”މޯރ ދޭން އަ މަދަރ“ ކެމްޕެއިން ހަރަކާތްތަކަށް ތަޢުރީފު ކުރައްވާފައިވެއެވެ.

އެކަމަނާ ވިދާޅުވީ ދަރިމައިވުމުގެ މައްސަލައަކީ ރާއްޖޭގައި އަދިވެސް ވަރަށް ހައްސާސް ކަމެއް ކަމަށާއި، މިއާ އެކުގައިވެސް އަންހެނުންނަކީ މުޖުތަމަޢު ބިނާ ކުރުމުގެ ބޮޑު ޒިންމާއެއް ކޮނޑުގައިއަޅައިގެން އުޅެމުންދާ ބައެއް ކަމަށެވެ. އާސަންދަ ޕަބްލިކް ހެލްތު އިންޝުއަރެންސް ސްކީމްގެ ތެރެއިން ފަރުވާ ފޯރުކޮށްދީ، އައިވީއެފް ފަދަ އެސިސްޓެޑް ރިޕްރޮޑަކްޓިވް ޓެކްނޮލޮޖީސް (އޭއާރްޓީ) އިތުރަށް ފަސޭހަކޮށްދިނުމަށް އަދުގެ ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ”މޯރ ދޭން އަ މަދަރ“ ކެމްޕެއިން ރާއްޖެއަށް ތަޢާރަފްކުރެއްވުމަށް ބޭނުންފުޅުވާކަމަށާއި، މި ކެމްޕެއިންގެ ސަބަބުން ދަރިމައިވުމާ މެދު މުޖުތަމަޢުގެ ވިސްނުން އަދު ހުރި ގޮތް ބަދަލުވެ، ހިތްދަތިކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ކެންސަރުން ރައްކާތެރިވުމާއި ފަރުވާ ދިނުމާއި ތައުލީމު ކުރިއެރުވުމާއި އެންމެންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުން ފަދަ މުހިންމު ކަންކަމުގެ މައްޗަށްވެސް އެކަމަނާގެ ތަޤުރީރުގައި އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދުޅަހެޔޮ، ހަމަހަމަ ދުނިޔެއެއް ބިނާކުރުމަށްޓަކައި، މެރކް ފައުންޑޭޝަނާ ގުޅިގެން އިތުރަށް މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރެއްވިއެވެ.