ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ރަސްކަލާނގެ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ގައުމަށް ލިބޭނެ ހަގީގީ ރީތިނަމެއް، އުފަލެއް އަދި ކާމިޔާބީއެއް ވެސް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިފަދައިން ވިދާޅުވީ، ރާއްޖޭގެ ފަރާތުން މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވާން ޒުވާނަކު ތައްޔާރު ވެފައިވާ ދަނޑިވަޅެއްގައެވެ.
”وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا ﴿٨١﴾ ”އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ.“ ރައީސްގެ ޕޯސްޓުގައި ވެއެވެ.
މި އަހަރު މެކްސިކޯގައި ބާއްވާ މިސް ޔުނިވާސް މުބާރާތުގައި ރާއްޖޭގެ ފަރާތުން ޒުވާނަކު ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، އެއީ ސަރުކާރުން ކުރުވާ ކަމެއް ނޫން ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި، ދިވެއްސަކު މިސް ޔުނިވާސް މުބަރާތުގައި ބައިވެރިވާން އުޅުން ކުށްވެރިކޮށް، އެކަން ނުކުރުމަށް ގޮވައިލިއެވެ.
މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލު ކުރުމަށް ހަމަޖެހިފައި ވަނީ އުމުރުން 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމެވެ.
މި އަހަރުގެ މިސް ޔުނިވާސް މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މެކްސިކޯގައި އަންނަ މަހުގެ 14 ގައެވެ. އަދި ފައިނަލް ޝޯ ބޭއްވަނީ އޭގެ 2 ދުވަސް ފަހުންނެވެ.
މިއަހަރުގެ މުބާރާތުގައި ޖުމްލަ 130 ގައުމަކުން ބައިވެރިވާއިރު، މިއީ މިސް ޔުނިވާސްގެ 73 ވަނަ މުބާރާތެވެ.

