ކުޑަކުދިންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ މަގްސަދުގައި ޖަމްއިއްޔަތުލް މަނާރާއިން ޅ. ނައިފަރުގައި ”ޓެލެންޓެޑް ޗައިލްޑް“ގެ ނަމުގައި ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޕްރޮގްރާމުގެ ދަށުން އުމުރުން 09 އަހަރާއި 15 އަހަރާ ދެމެދުގެ 35 ކުދިންނަށް ތިން މަސްދުވަހުގެ މުއްދަތަށް، އިލެކްޓްރިކް ވައިރިންގ ކޯހެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކޯހުގައި ކިޔަވައިދޭ ބައިތައް ނިމި ކޯހުގެ ދަރިވަރުން ފުރިހަމަ ކުރަންޖެހޭ ޕްރޮޖެކްޓް ކަމުގައިވާ ”ސްމާޓް ހައުސްގެ“ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

 

”ޓެލެންޓެޑް ޗައިލްޑް“ ޕްރޮގްރާމްގެ ބައިވެރިން ތައްޔާރު ކުރަމުންދާ ސްމާޓް ހައުސް

 

މި ޕްރޮޖެކްޓަކީ، ކުދިންނަށް ލިބިފައިވާ ހުނަރު އަމަލީގޮތުން ބޭނުންކުރުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ހިންގާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން ދަރިވަރުން ތައްޔާރުކުރާ ސްމާޓް ހައުސްގައި ވޮއިސް ކޮމާންޑުން ގޭގެ ދޮރުހުޅުވާ ލެއްޕުމާއި، އެއަރކަންޑިޝަނާއި ފަންކާއާއި ބޮކިފަދަ ތަކެތި ޖެއްސުމާއި ނިއްވުމާއި، ދޮރުފޮތި ކެހުންފަދަ އީޖާދީ ސިފަތައް ހިމެނޭނެއެވެ.

”ޓެލެންޓެޑް ޗައިލްޑް“ ޕްރޮގްރާމްގެ ބައިވެރިން ތައްޔާރު ކުރަމުންދާ ސްމާޓް ހައުސް

މީގެ އިތުރުން، މި ސްމާރޓް ހައުސް ފަރުމާކުރަނީ ގޭތެރޭގެ ތަފާތު މަސައްކަތްތައް އޮޓޮމޭޓްކުރުމަށް އެލެކްސާއާއި ގޫގުލް ހޯމްގެ އިތުރުން ޓެބްލެޓާއި ފޯނު ބޭނުން ކުރެވޭ ގޮތަށެވެ.

”ޓެލެންޓެޑް ޗައިލްޑް“ގެ ޕްރޮގްރާމު ޑިރެކްޓަރ ސުލްތާން ހަމީދު ވިދާޅުވިގޮތުގައި މި ޕްރޮޖެކްޓުން ތުއްތު ކުދިންގެ ހުނަރާއި ގާބިލުކަން ވަރަށް ރަނގަޅަށް ފެންނާނެއެވެ.

އަދި މިއީ ތުއްތު ކުދިންގެ ކުރިމަގު އުޖާލާކުރުމަށާއި ނަފްސުގެ އިތުބާރު ދެމެހެއްޓުމަށް ލިބޭ ވަރަށް މުހިންމު ތަޖުރިބާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

 

”ޓެލެންޓެޑް ޗައިލްޑް“ ޕްރޮގްރާމްގެ ބައިވެރިން ތައްޔާރު ކުރަމުންދާ ސްމާޓް ހައުސް

ސްމާޓް ހައުސް ޕްރޮޖެކްޓް ދައްކައިލުން އޮންނާނީ ޓެލެންޓެޑް ޗައިލްޑް ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތުގައި ބާއްވާ އެކްޒިބިޝަންގައެވެ.

މި އެގްޒިބިޝަން އޮންނާނީ މާދަމާ ނައިފަރުގެ މަލްޓިޕާޕަސް އިމާރާތުގައެވެ.

އެކްޒިބިޝަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތުއްތުކުދިން ތައްޔާރުކުރި ސްމާޓް ހައުސް އެކުދިން އަމިއްލައަށް ދައްކާލަދީ، އޭގައިވާ އީޖާދީ ސިފަތައް ކިޔައިދޭނެއެވެ.

ޓެލެންޓެޑް ޗައިލްޑް ޕްރޮގްރާމަކީ ކުޑަކުދިންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން ކުދިންނަށް އައު ހުނަރުތަކެއް ދަސްވެ، އެ ހުނަރުތައް އަމަލީ ގޮތުން ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޓެލެންޓެޑް ޗައިލްޑް ޕްރޮގްރާމްގެ ދަށުން ކަރަންޓް ވައިރުކުރުުގެ ކޯހުގެ އިތުރުން އިންޖިނޭރިންއާއި ރެފްރިޖެރޭޝަނާއި ވެލްޑިންގ މަސައްކަތް ދަސްކޮށްދިނުމުގެ ކޯސްތަކެއްވެސް ކުރިމަގުގައި ދިވެހިރާއްޖޭގެ އެކިއެކި ރައްރަށުގައި ހިންގަން ގަސްތުކުރާކަން މި ޕްރޮގްރާމް ހިންގާ ފަރާތުން ހާމަކުރެއެވެ.