ހއ. ވަށަފަރުގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފިއެވެ.
އިއްޔެ ވަށަފަރުގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް އަލީ ޝުޖާއު އާއި ވަށަފަރު ކައުންސިލު ރައީސް އަހްމަދު މުއީންއެވެ.
މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ފުލުހުންގެ އިތުރުން ހއ. އަތޮޅު ކައުންސިލު ރައީސް މޫސާ ޝަފީގު އަދި ރަށުގެ މުއައްސަސާގެ މުވައްޒަފުންނާއި ބައެއް ރައްޔިތުން ބައިވެރިވިއެވެ.
ޕޮލިސް ޕޯސްޓު ހުޅުވައި ދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދެއްކެވި ވާހަކައިގައި ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތް ރަނގަޅުކޮށް ފުލުހުންގެ ހިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން އަތޮޅުތެރޭގައި ފުލުހުން މަސައްކަތްކުރާނެ ރަނގަޅު އޮނިގަނޑެއް އެކުލަވާލައި، ރަށުގެ ކައުންސިލާއި މުއައްސަސާތަކާ ގުޅިގެން އެކީގައި ދެމެހެއްޓެނިވި ގޮތުގައި ހަރުދަނާކުރުމަށް މި އޮނިގަނޑު މަގުފަހިކުރާނެ ކަމަށް ވިދާވިއެވެ.
“ފުލުހުން ތިބުމުން އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް މިރަށުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު އެހީތެރިކަމެއް ލިބިގެންދާކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫން. މިއަދު ވަށަފަރު ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފެށިގެން ދިއުމަކީ ރަށުގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް.” ކޮމިޝަނަރ ވިދާޅުވިއެވެ.
އޭގެ އިތުރުން، ވަށަފަރަކީ ކުށްމަދު ރަށެއްކަން ފާހަގަވެފައިވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
އެހެންކަމުން އެ ރަށުގައި ގާއިމުވެތިބޭ ފުލުހުންނަކީ ހަމައެކަނި ބޮޑުކަމެއް ދިމާވުމުން އެތަނަށް ހާޒިރުވާންތިބޭ ފުލުހުންނަށް ނުވުމަށާއި، ރަސްމީ ޑިއުޓީގަޑީގައި ވީހާވެސް ބޮޑަށް ރަށުތެރޭގައި ހަރަކާތްތެރިވެ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ކޮމިޝަނަރ އެދިލެއްވިއެވެ.

