ތައުލީމީ ހަޔާތުގެ ފަހު މަރުހަލާގައި ޕީއެޗްޑީ ހާސިލު ކުރައްވަން މަސައްކަތް ކުރެއްވި އުނދަގޫ ދުވަސްތަކާއި، ވަރަށް ބުރަކޮށް އުޅުއްވަން ޖެހިވަޑައިގެންނެވި ދުވަސްވަރުގެ ބައެއް ވާހަކަފުޅުތައް ހިއްސާ ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަތީ ތައުލީމު ހާސިލު ކުރަން ބޭނުންވާ ދަރިވަރުންނަށް ހިތްވަރު ދެއްވައިފިއެވެ.

ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ މި އަހަރުގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ޕީއެޗްޑީގެ މަރުހަލާގައި އެމަނިކުފާނު ކިޔަވާ ވިދާޅުވީ، ސިވިލް އިންޖިނިއަރިންގ ދާއިރާއިން ކަމަށާއި ކޮންކްރީޓް ޓެކްނޯލޮޖީގެ ދާއިރާއިން ދިރާސާއެއް ހަދަން ޖެހުނު ކަމަށެވެ.

އެކަމަށްޓަކައި ރެޔާއި ދުވާލު ލެބޯޓްރީގައި އުޅުއްވަން ޖެހިވަޑައިގެންނެވިކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

”ވަކި ވައްތަރެއްގެ ސްޕެސިމަންތަކެއް ހަދައިގެން، އޭގެ ދަށަށް ވަދެ އޮވެ، 1.2 މީޓަރު، 1.2 މީޓަރުގެ އެލް. ޝޭޕްގެ ބްލޮކެއް ހަދައި، ވަކި ގޮތަކަށް މިކްސްކޮށްގެން ކޮންކްރީޓް ހަދައިގެން، އޭތި ވަކިގޮތަކަށް ކިޔޯ ކޮށްގެން، އޭގެ މަތީގަޔާއި، އަޑީގަޔާއި، ސަތޭކައަށްވުރެ ގިނަ އެކި ވައްތަރުގެ ޓެމްޕަރޭޗަރ މެޝަރކުރާ ޑިވައިސްތަކާއި، މޫވްމަންޓް މެޝަރކުރާ ޕޮއިންޓްސްތައް އަމިއްލައަށް، ބުރުމާއިން ތޮރުފައިގެން، ހަރުކޮށްގެން، ރެޔާއި ދުވާލު ވަކި ގަޑިތަކެއްގައި، ބިންމަތީ އޮށޯވެ އޮވެގެން، އޭގެން ރީޑިންގ ނަގައިގެން، އެތައް އަހަރެއް ހޭދަކުރީ. އެއީ، ސައިންޓިފިކް ދިރާސާއެއް. އެއަށް ވާގޮތް ބަލަންވެގެން. އޭގައި ބްލޭންކެޓެއް އަޅުވައިގެން، ހޫނުކޮށްގެން، ހޫނު މަޑުކޮށް، ހޫނު މަތިކޮށް ހެދީމަ، ދެން އެވާގޮތެއް ބަލައި، މިކަހަލަ ކަންތައްތަކެއް ކުރީ.“ އެމަނިކުފާނު ވިދާޅުވިއެވެ.

 

ރައީީސް ވިދާޅުވީ، އެއަށްފަހު، ލިޓްރެޗަރ ރިވިއުގައި އެކަމާ ގުޅޭ ދާއިރާތަކުގެ އެތައް ސަތޭކަ ޕޭޕަރުތައް ކިޔައި، އޭގެ މައްޗަށް ބިނާކޮށް، ތިއެރޮޓިކަލް އެނަލިސިސްއެއް ހަދައި، އާ އީޖާދެއް ކުރަން ޖެހުނު ކަމަށާއި އެ މަސައްކަތުގައި އެތައް ދުވަހެއް ދިޔަ ކަމަށެވެ.

އެކަން ކާމިޔާބު ކުރެވުނީ ސުޕަވައިޒަރާއި، އެތައް ބައެއްގެ އެހީތެރިކަމާ އެކީގައި ކަމަށާއި މި މަސައްކަތް ކާމިޔާބު ކުރުމުގައި، އެންމެފަހު މަރުހަލާއަށް އެކަމަށް ހުސްވުމަށް އާއިލާވެސް މާލެއަށް ބަދަލުކޮށް، ފަހު ހަތަރު މަސްދުވަސް، ކޮންމެ ދުވަހަކު 20 ގަޑިއިރު މަސައްކަތުގައި ޔުނިވަރސިޓީގައި އުޅުއްވި ކަމަށެވެ.

”ކޮންމެ ދުވަހަކު 20 ގަޑިއިރު. ނިދީ ދެ ގަޑިއިރު، ތިން ގަޑިއިރު. ޔުނިވަރސިޓީއަށް ގޮސް އަންނަން ދާނެ ވަގުތާ އެކީގައި، ހަތަރު ގަޑިއިރަށްވުރެ ގިނައަކުން ނުދާނެ އެހެން ކަމަކަށް.“ ރައީސް ވިދާޅުވިއެވެ.

ރައީސްގެ މަސައްކަތްޕުޅުގެ ނަތީޖާ ވެސް ފޮންޏެވެ. އެމަނިކުފާނު ވަނީ، މަސައްކަތް ނިމުމާއިއެކު އެކްސްޓަރނަލް އެގްޒެމިނަރ ބުނި ވާހަކަ ހިއްސާ ކުރައްވައިފައެވެ.

“ ތިމަންނަ އެއްކޮޅުން އަނެއްކޮޅަށް ތިއަރެޓިކަލް އެނަލިސިސް ކިޔާކިޔާވެސް މިސްޓޭކެއް ނުފެނުނޭ. ކިހިނެއްހޭ ހެދީ. އަޅުގަނޑު ދެންނެވީ، ސުޕަވައިޒަރުގެ އެހީތެރިކަމާއެކީގައި، އެ ދިން ސަޕޯޓާއެކީގައި ދެން އަޅުގަނޑު، އެ ގައިޑަންސާ އެކީގައި މަސައްކަތް ކުރީއޭ. ވަރަށް ރަނގަޅު ބޭފުޅެއް ހުންނެވީ.“ ރައީސް ވިދާޅުވިއެވެ.

މި ތަޖުރިބާ ހިއްސާ ކުރެއްވީ ހިންމަތާއެކީގައި، ވަރުގަދަ އަޒުމަކާ އެކީގައި މަސައްކަތް ކުރުމުން ނަތީޖާ ރަނގަޅުވާނެކަން ހާމަކޮށްދެއްވުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ނަތީޖާ ހޯދައި، އެ ނަތީޖާގެ މައްޗަށް އިތުރު ހިތްވަރަކާ އެކީގައި، ދެން އޮތް ހަރުފަތަކަށް ދާން މަސައްކަތް ކުރަންޖެހޭނެ ކަމުގައެވެ.