ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ހައްޖާއި އުމްރާގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވައި، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ހެޔޮ އަގުގައި އެ އަޅުކަން ކުރެވޭނެ މަގު ތަނަވަސްކޮށްދެއްވުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވީ ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ހައްޖު، އުމްރާ ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއީ ރައީސްގެ އިރުޝާދުގެ ދަށުން، ދިވެހިރާއްޖެއިން މީހުން ހައްޖާއި އުމްރާއަށް ގެންދިއުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓައި މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސްއެކެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ދިވެހިރާއްޖޭގެ ހައްޖު އަދި އުމްރާގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނަން ޖެހޭކަމަށް ގަބޫލު ކުރައްވާކަމަށާއި މިކަން އެންމެ ފުރިހަމައަށް ކުރެއްވޭނީ އުމްރާ އަދި ހައްޖު ގުރޫޕު ތަކަށް ކަމަށެވެ.

އެގޮތުން އުމްރާ ގްރޫޕްތަކުން މިހާރު އާއްމުކޮށް ހަދާފައިވާ ޕެކޭޖުތަކުގެ ބަދަލުގައި ޕެކޭޖުތަކަށް ބަދަލުތަކެއް ގެނައުމަކީވެސް، ހާއްސަކޮށް ޒުވާނުންނަށް އަގުހެޔޮ ޕެކޭޖުތައް އުފެއްދުމަކީ ހެޔޮ ބަދަލަކަށް ވެގެންދާނެކަމަށް ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އިލްމީ އަދި ތަރުބަވީ މައުލޫމާތުތަކެއް ދަތުރުތަކުން ލިބޭނެ ފަދަ ގޮތަކަށްވެސް ޕެކޭޖުތަކަށް ބަދަލުތައް ގެނައުމަކީ ވެސް މުހިއްމުކަމެއް ކަމަށް ދެކިލައްވާކަމަށެވެ.