ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަހްގީގުކޮށް، ދަޢުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހް ގެނައުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ފޭސްބުކް/އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ގާނޫނުލްއުގޫބާތަށް ގެންނަ އިސްލާހުތައް އަންނަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށެވެ.
އެގޮތުން، ގާނޫނުލްއުގޫބާތުގެ 515 ވަނަ މާއްދާއަށް ގެނެވޭ އިސްލާހުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭގޮތުން، ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަގާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުޙައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
2023 ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ކޮރަޕްޝަނަށް އެއްވެސް ވަރަކަށް ޖާގަ ނުދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

