މާލޭގައި އިއްޔެ ތިން ފުލުހަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރާއި 20 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ޝަރީއަތް ނިމެންދެން އެ ދެ މީހުން ބަންދުކުރަން އަމުރުކުރީ ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުންނެވެ.
އެ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
އެ ހަމަލާއާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެ ހަމަލާ ދީފައިވަނީ ރަސްމީ ޑިއުޓީން ބޭރުގައި އުޅެނިކޮށް ކަމަށެވެ. އަދި މި ހަމަލާގައި ބައިވެރިވި ހުރިހާ އެންމެން ހައްޔަރުކުރާނެ ކަމަށެވެ.
ފުލުހުންނަށް ދޭ ހަމަލާތައް ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށާއި ރާވައިގެން ހިންގާ ގޭންގް ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ މަސައްކަތްތައް މިފަދަ ހަމަލާއަކުން ނުހުއްޓުވޭނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
