ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ އަލީ ޖަލީލަށް އެރުވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

މި އިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ އަލީ ޖަލީލަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ހިދުމަތްތަކާއި، ގައުމުގެ އިސްތިގްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާއި، ހާއްސަކޮށް، 1988 ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ހަމަލާއާ ގުޅިގެން، ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

މި އިއްޒަތް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިންނާއި، ގާނޫނު ނަންބަރު 97/1 (ދިވެހިރާއްޖޭގެ ޢިއްޒަތުގެ ގާނޫނު)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުންނެވެ.

ނިޝާން އަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ އަލީ ޖަލީލަށް އެރުވުން އޮންނާނީ، މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

މި ޖަލްސާ އޮންނާނީ، މާދަމާރޭ 8:30 ގައި ދަރުބާރުގޭގައެވެ.