ސިނގިރޭޓް ކާޓަންތަކެއް ވަގަށް ނަގައިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި، ނޮވެމްބަރު ދެވަނަ ދުވަހުގެ ހެނދުނު 5:40 ހާއިރު ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އޮލިމްޕަސް ކައިރިން ދިޔަ މީހަކާމެދު ތުހުމަތު ކުރެވިގެން ހުއްޓުވައި، އޭނާ ގެންގުޅުނު ދަބަސްތަކާއި ކޮތަޅުތަކެއް ބަލައި ފާސްކުރި އިރު 67 ކާޓަން ސިނގިރޭޓް ފެނިފައިވެއެވެ.

އަތުލައިގަތް ސިނގިރޭޓް ކާޓަންތަކަކީ އޯޝަން ނޯޓިކަލް ޕްރައިވެޓް ލިމިޓެޑްއިން އޭނާ ވަގަށް ނަގާފައިވާ ތަކެތިކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ވެސް ބުންޏެވެ.

މި މައްސަލައާ ގުޅިގެން ށ. ފޭދޫ / ހިރުނދުމާގެ، އަހުމަދު ލުޖައިން (24 އަހަރު) ވަނީ ހައްޔަރުކޮށްފައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގީ ކުރަމުންނެވެ.